ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށްފަހު ބޮޑުވަޒީރުކަމަށް ގެންނަން އެންމެ ރަނގަޅު ބޭފުޅަކީ ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖުލީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައެވެ.
އެގްރޫޕުގައި ތިއްބެވި ބައެއް ބޭފުޅުން މިޚިޔާލަށް ތާއީދުކުރެއްވިނަމަވެސް ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ އެންމެ ރަނގަޅުގޮތް ނޫންކަމަށެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ރައީސް ނަޝީދުގެ އެވާހަކަފުޅަށް ތާއީދުނުކުރައްވާ ކަމަށެވެ.
ބޮންޑޭއަށް ރައްދު ދެއްވަމުން ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވީ ރާއްޖޭގެ ބޮޑު ވަޒީރުކަން ކުރެއްވުމަށް އެންމެ ޤާބިލް ބޭފުޅަކީ ގާސިމް ކަމަށާއި އަދުލުވެރިކަންމަތީގައި ރައްޔިތުންނަށް އިންސާފް ހޯދައިދީ ބޮޑު އިންގްލާބެއް އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ގެންނާނެ ކަމަށެވެ. މިކަންތައް ޒާތީ ނަޒަރަކުން ބެލީމަ ކަމުނުދާނެ ކަމަށް ދޮންބިލެތްވަނީ ވިދާޅުވެފައެވެ.
މިގްރޫޕްގައި މިމައުޝޫއަށް ވާހަކަ ދައްކަވަން ފައްޓަވާފައިވަނީވެސް ދޮންބިލަތްއެވެ. ދޮންބިލަތްގެ މިޚިޔާލަށް ނަޝީދުވެސް ވަނީ ތާއީދުކޮށްފައެވެ.
މިޚިޔާލަށް ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ އެމްޑީޕީ ސަރުކާރެއްގައި އެމަނިކުފާނަށް ޕިޔޯނުކަންވެސް ނުދެއްވާނެ ކަމަށެވެ. ގާސިމް މިހެން ދެންނެވުމުން ނަޝީދު ވަނީ އެވާހަކަ ދޮގުކުރައްވާފައެވެ.