ލޯތްބަކީ، އިޚްތިޔާރުން ބޭރުން ހިތާއި ސިކުނޑިއަށް ވެރިވާ އިޙްސާސެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރާއިރު ބައެއް މީހުން ދެކޭގޮތުގައި ލޯތްބަކީ އެމީހެއްގެ ފުރިހަމަ އިޚްތިޔާރާއި އެކު، އެހެން ފަރާތްތަކަށް އެމީހާގެ ހިތުގެ ލަގަން ދޫކޮށްލުމެވެ. މިއީ ޖާދޫވީ، ހިތަށް ހިތްހަމަޖެހުމާއި އުފާ ގެނުވައިދޭ އިޙްސާސެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރެވެ. ނަމަވެސް ލޯބީގައި ކެހި ލިބިފައިވާ މީހަކަށް މިއީ ޤަބޫލުކުރަން ދަތި ވާހަކައަކަށް ވުން އެކަށީގެންވެއެވެ. އެފަދަ މީހަކަށް ލޯތްބަކީ އެއްވެސް ހިންހަމަޖެހުމެއް ކެހިވެރި، ހިތްދަތިކަން ގެނުވާ ވޭންދެނިވި އިޙްސާސެކެވެ.
ދެލޯބި ވެރިޔަކު ލޯބީގެ ގޮތުން ގުޅުމަށްފަހު ލޯބީގައި ދެމިހުރުމަށް ތަފާތު ގިނަ ވަޢުދުވެ އަހުދުވެއެވެ. ނަމަވެސް ރައްޓެހިވެ ގިނަ ދުވަސްތަކެއް ވުމުން ވަޢުދުތަކާއި އަހުދުތަކުގެ ހަނދާން ނެތޭފަހަރުވެސް އާދެއެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ، ފުރަތަމަ ނަޒަރުން މީހަކު ދެކެ ލޯބި ވެވިދާނެ ހެއްޔެވެ؟ ބައެއް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި ފުރަތަމަ ނަޒަރުން މީހަކުދެކެ ލޯބި ނުވެވޭނެއެވެ. މީހެއްގެ ކިބައިގައި ހުންނަ ރީތި ސިފަޔަކަށް ނުވަތަ ކިބައިގައި ހުންނަ ޚާއްސަ ކަމެއް ގަޔާވުމަކީ އެކަށީގެންވާކަމެކެވެ. މިސާލަކަށް އަހަރަމެންނަށް ފިލްމުތަކުގައި ފެންނަ ރީތި ފިލްމީ ތަރިންވެސް ވަރަށް ރީއްޗެވެ. ބަލާލަން ވަރަށް ހިތްގައިމެވެ. މިއީ އެތަރިންދެކެ ލޯބުވުމޭ ނުބުނެވޭނެއެވެ.
މީހެއް ދެކެ ލޯބިވެވެނީ އެމީހެއްގެ މިޖާޒާއި، ބޭނުންތައް، ރަނގަޅަށް އެނގި އަދި ގިނަ ވަގުތު ތަކެއް އެމީހަކާއެކު ހޭދަ ކުރެވުމުން ކަމަށް ބައެއް މީހުމް ޤަބޫލުކުރެއެވެ. މީހަކު ދެކެ ލޯބި ވެވެނީ ހަމައެކަނި ބުރު ސޫރަ ރީތިވެގެން ނޫން ކަމަށާއި ރިވެތި އަޚްލާގަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ނަމަވެސް މިއާއިދިކޮޅަށް ވިސްނާފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އެންމެ ފުރަތަމަ ނަޒަރުންވެސް މީހަކު ދެކެ ލޯބި ވެވިދާނެއެވެ. މީހެއްގެ ބުރު ސޫރަ ފެނި މުޅި ހިތް ހިބަކޮށް އެމީހަކަށް ދެވޭ ފަހަރު އަންނަ ކަމަށްވެސް މިފަރާތްތައް ގަބޫލު ކުރެއެވެ. އަދި ފުރަތަމަ ދުވަހު ވާހަކަ ވާހަކަ ދައްކާލެވި ބައްދަލުކޮށްލުމުން ވެސް މީހަކު ދެކެ ލޯވިވެވިދާނެ ކަމަށް މިފަދަ ފަރާތްތައް ގަބޫލު ކުރެއެވެ.
ލޯތްބަކީ ތިމާ ނޭނގި ހުއްޓާ ހިތު ތެރޭގައި އުފެދޭ ޖަޒުބާތެއް ކަމަށް މޮޅެތި ޝާއިރުން ސިފަކޮށްފައި ވާއިރު ފުރަތަމަ ފެނިލާ ފެނިލުމުން ވެސް ލޯބި ނުވެވެން ވީއެއްވެސް ސަބަބެއް ނެތެވެ. އެހެނީ އެންމެ ފަހަރަކު ފެނިލާ ފެނިލުމަކުން ވެސް އެމީހަކާ މެދު އިންތިހާއަށް ފިކުރު ކުރެވިދާނެއެވެ.
ބައެއް މީހުން ބުނާ ގޮތުގައި، މަގުމަތިން ނުވަތަ އެހެން ތާކުން ވެސް މީހަކު ފެނި އެމީހަކާ މެދު އިންތިހާއަށް ފިކުރުކުރެވޭ ފަހަރުވެސް އަންނަ ކަމަށެވެ.
އަދި ވަރަށް މަޖާ ވާހަކައެއްވެސް އެބައޮތެވެ. ލޯބި އެއީ އޮޅިގެންވެސް ވެވޭ އެއްޗެއް ކަމަށް ބަޔަކު ގަބޫލު ކުރެއެވެ. އެހެނީ ކިތައްމެ ލޯބި ވާން ބޭނުން ނުވާ މީހާދެކެ ވެސް ލޯބިވެވޭ ފަހަރު އޮންނަނީ އައިސްފައެވެ. ކުރިން އެންމެ ރުޅިއަންނަ މީހާދެކެ ވެސް ލޯބިވެވިދާނެ ކަމަށް ބަޔަކު ބުނެއެވެ. ނަފްރަތަކީ ލޯބީގެފެށުން ކަމުގައި ވެސް ބަޔަކު ބުނަނީ އެހެންވެގެން ކަންނޭނގެއެވެ.
ލޯތްބާ މެދު އެކި ގޮތްގޮތަށް އެކި ރާގުރާގަށް މީހުން ލަވަ ކިޔާއިރު ލޯތްބަކީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގައި ވަރަށް މުހިއްމު އެއްޗެއްކަން ޔަގީނެވެ.