ޚަބަރު
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފި

އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އިންތިހާބުގައި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފަށް ބައިވެރިވެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

މަހުލޫފަށް އެއިންތިހާބުގައި ބައިވެރިވެވޭނެ ގޮތަށް ނިންމާފައިވަނީ އެމްޑީޕީގައި އުފެދޭ މިފަދަ ކަންކަމުގައި އެންމެ ފަހުބަސްބުނާ، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މީގެ ކުޑައިރުކޮޅެއްގެ ކުރިން ބޭއްވި ބައްދަލުވުމެއްގައެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި މަހުލޫފް ކުރިމަތި ލައްވާފައިވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މަހްލޫފް ބައިވެރިވާނެކަން އިއުލާން ކުރި ނަމަވެސް، އެމްޑީޕީން މިދިޔަ ހަފްތާގެ ތެރޭގައި މަހުލޫފަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެއިންތިހާބުގައި ވާދަކުރުމަށް އޭނާގެ ޝަރުތު ފުރިހަމަ ނުވާކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ މަޙްލޫފާ ގުޅޭ މައްސަލައެއް ސަރުކާރުގެ އިދާރާތަކުން ބަލަމުންދާތީ ކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ.

މިކަމާ ގުޅިގެން މަހްލޫފްވަނީ އިންތިހާބުގައި ބައިވެރި ނުވެވޭތީ އިލެކްޝަން ކޮމިޝަނަށްވެސް އެމައްސަލަ ހުށަހަޅާފައެވެ. އަދި އިލެކްޝަން ކޮމިޝަނުންވެސް ވަނީ މަޙްލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ނިންމާފައެވެ.

Comment