ކޮލަމް
ގްރީން ކާޑެއްތަ ނޫނީ ޕާސްޕޯޓެއްތަ؟

ސްކޫލްތަކުން ބެލެނިވެރިންނަށް ދޫކުރަން މިއުޅެނީ ގްރީން ކާޑެއް ހެއްޔެވެ؟ ނޫނީ ޕާސްޕޯޓެއް ހެއްޔެވެ؟
ވެކްސިން ޕްރޮމޯޓްކުރުމަށް ސަރުކާރުން ހިންގާ ކެމްޕޭނާއި ގުޅުވައިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގައިގެން ސްކޫލްތަކުން ބެލެނިވެރިންނަށް ދޫކުރާ ގްރީން ކާޑެއްގެ ވާހަކަ މިދުވަސްކޮޅު ވަނީ ގުގުމާލާފައެވެ. ގްރީންކާޑް ނުވަތަ ދަރިވަރުންގެ ބެލެނިވެރިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ކަށަވަރަކޮށް ސްކޫލުން ދޫކުރާ ގްރީން ކާޑު އެކި ސްކޫލްތަކުން އެކިފެންވަރުގައި ވަނީ ދޫކުރަން ފައްޓާފައެވެ.

ގްރީން ކާޑުގެ ފޯރި ގަދަވެ، ސްކޫލްތަކުގެ ވާދަވެރިކަން ގަދަވެ، އެއް ސްކޫލަށްވުރެ ތަފާތު މޮޅުގޮތަކަށް އަނެއް ސްކޫލުން ކާޑު ތައްޔާރުކޮށް، ބެލެނިވެރިންނާއި ހަވާލުކޮށް ސްކޫލްތަކުން، ސޯޝަލް މީޑިޔާގައި ތަފާތު ގޮތްގޮތަށް އަންނަނީ ފޮޓޯތަށް ލަމުންނެވެ. ބައެއް ސްކޫލްތަކުން ގްރީން ކާޑްގެ ކަންތައް ބޮޑުކޮށްލައިގެން އުޅޭގޮތުން ދޫކުރަން މިއުޅެނީ ގްރީން ކާޑެއް ނުވަތަ ޕާސްޕޯޓެއްކަން އޮޅޭ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ.

ބައެއް ސްކޫލްތަކުން ގްރީންކާޑް ދީފައިވަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުންނެވެ. ބައެއް ސްކޫލްތަކުން ގްރީންކާޑް ދޫކޮށްފައިވަނީ އާދައިގެ ހުދުކުލައިގެ ގަޑަކަށް ބްލެކް އެންޑް ވައިޓް އިން ޕްރިންޓް ކޮށްގެންނެވެ. ނަމަވެސް ބައެއް ސްކޫލްތަކުން ކަންބޮޑު ކޮށްލައިގެން، ދަރިވަރުންގެ މަންމަ ބައްޕަ އަދި އިތުރު މީހުންގެ ފޮޓޯ ހޯދައިގެން ވަރަށް ޕްރޮފެޝެނަލްކޮށް ކާޑު ކުލަ ޕްރިންޓްކޮށް ބެލެނިވެރިންނަށް ދީފައިވާއިރު. ބައެއް ސްކޫލްތަކުން ފެހިކުލައިގެ ކަރުދާހަށް ޕްރިންޓްކޮށް، ކާޑު ލެމިނޭޓް ކޮށް ބެލެނިވެރިންނަށް ދީފައިވެއެވެ.

ސްކޫލްތަކުން ބޮޑު ވާދަވެރިކަމެއްގައި އެބުނާ ގްރީން ކާޑެއް ހަދައި ބެލެނިވެރިންނަށް ދޫކޮށްފައިވާއިރު، ދަރިވަރުން ހޯދަން ބެލެނިވެރިން ސްކޫލް ދޮށަށް ދިޔަ ނަމަވެސް، ގިނަ ސްކޫލްތަކުގައި ބެލެނިވެރިން ސްކޫލް ތެރެއަކަށް ނުވަދެއެވެ. އަދި އެކާޑު އޮތްތޯ ބަލާ ފާސްކުރާ ފަރާތެއްވެސް ހޯދާ ހޯދާ ނުފެނެއެވެ. ރަށުތެރޭގައި ބެލެނިވެރިންގެ ތުންތުންމަތިން ދެކެވޭ ވާހަކަތަކަށް ބަލާއިރު، ވާދަވެރިކަމާއެކު މޮޅު ގޮތްގޮތް ހަދައި މިނެރުނު ކާޑު ވެގެން މިދިޔައީ މީހުންނަށް ކަންދެއްކުމަށް ކުރެވުނު ކަމަކަށެވެ.

ވެކްސިން ޕްރޮމޯޓް ކުރުމުގެ މައްސަލައެއް ނެތެވެ. ނަމަވެސް ކަންދެއްކުމަށް ކަންކަން ކުރާ އުޞޫލް ދޫކޮށްލަން ޖެހެއެވެ.

  1. ބެލެނެވެރިއެއް

    އަސްލުވެސް. ވަރަށް ދައްކަން ބޭނުންވާ ވާހަކައެއް. މަވެސް ހަމަ ހައިރާންވެއްޖެ ތި ކާޑަކާއި ހެދި

  2. ޝަރުމީލާ

    ބަރާބަރު ވާހަކައެއް. ކަންދެއްކުމުގެ ބޭނުމުގައި އެބުނާ ގްރީން ކާޑް ހަދާއިރު އެހެންމީހުންގެ އިހުސާސް ތަކާމެދު އެއްފަހަރުވެސް ވިސްނާލެވުނު ވާވައޭ ހިތަށް އަރާ..