ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދިރިއުޅުއްވާ ގެކޮޅު ކަމުގައިވާ، އަތަމާ ޕްލާޒާ ނަމަކަށް ކިޔާ ގެ ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށަ ބުނާ މައްސަލައެއް ހުށަހަޅައިފިއެވެ.
ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ، އަތަމާ ޕްލާޒާ ނަމަކަށް ކިޔާ އަމިއްލަ ބިމާއި، އިމާރާތުގެ މައްޗަށް އޮތް ރަހުނު 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު އަބްދުﷲ ޖާބިރު ޓޭކްއޯވާކޮށް، އެގޯއްޗާއި ގޯތީގައިވާ އިމާރާތް ޖުމްލަ 14 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ، އެގޯއްޗާއި ގޯތީގައި އަޅާފައި ހުރި 10 ބުރީގެ އިމާރާތުގެ މައްޗަށް އޮތް ރަހުނު ގަނެ، ބޭންކަށް ދައްކަން ޖެހޭ 4،873،10 ރުފިޔާ ބޭންކަށް އަދާކޮށްދިނުމާއި، އެއިރު ގޯތީގެ ވެރިފަރާތް އިސްމާއިލް އަބްދުއްލަތީފަށް ދޭންޖެހުނު 9،625،895 ރުފިޔާ އަދާކޮށްފައިވާތީ، އެގޭގެ އިމާރާތާއި ރަޖިސްޓްރީ ބޭންކުން އޭނާ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ އަތަމާޕްލާޒާ އޭނާއަށް ވިއްކުމަށް ދެފަރާތުން އެއްބަސްވެފައިވާ އެއްބަސްވުމުގެ 12 ވަނަ މާއްދާގައި “މި ވިޔަފާރީގެ މައްސަލަ ޝަރީއަތަށް ހުށަހެޅި ހިނގަމުންދާއިރު (މިބިމާއި އިމާރާތް ރަހުނުކޮށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ލޯނު ފިޔަވައި) އެހެން އެއްވެސް ފަރާތަކަށް އިސްމާއިލް އަބްދުއްލަތީފް ދައްކަންޖެހޭ ފައިސާއެއް ނުދައްކައި އޮވެގެން، މި މައްސަލަ ޝަރީއަތުން ނިންމޭގޮތް ނުވެއްޖެނަމަ އެ ފަރާތަކަށް ދައްކަން ޖެހޭ ފައިސާއެއް ދައްކައި، މި ވިޔަފާރީގެ މައްސަލަ ނިމޭނެގޮތް ވިއްކާފަރާތުން ހަމަޖައްސައިދޭން ވާނެ” ކަމަށެވެ.
މި މާއްދާއަށް ރިއާޔަތްކޮށް ޖާބިރު ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވަނީ މި އެއްބަސްވުމާއި ހިލާފަށް އިސްމާއިލް އަބްދުއްލަތީފްގެ މައްޗަށް ޝަރީއަތުން ސާބިތުވެފައިވާ ދަރަނިއަދާނުކޮށް ހުންނަ ހުރުމަކީ ޖާބިރުގެ އަތުން ފައިސާތައް އަދާކޮށް ބޭންކުގައިވާ ރަހުނު ފިލުވުމަށް އިސްމާއިލް އަބްދުއްލަތީފް ހިންގާފައިވާ އަމަލެއް ކަމަށާއި، އޭނާގެ ނަމަށް ގޯތީގެ ރަޖިސްޓްރީ ބަދަލުނުކޮށް ހުރުމަށް ހިންގާފައިވާ މަކަރާއި ހީލަތުގެ އަމަލެއްކަން އިސްމާއިލް އަބްދުއްލަތީފްގެ އަމަލުތަކުން ސާބިތުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކޮށްދިނުމަށާއި، ގާނޫނީމަގުން އަބްދުއްލަތީފަށް ފިޔަވަޅުއެޅުމަށް ޖާބިރު ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.