ކުރިން ސޯޅަ ގަޑިއިރު ޚިދުމަށް ދެމުން ގެންދިޔަ ދެއްވަދޫ ސިއްޙީ މަރުކަޒުގެ ޚިދުމަށް ސައުވީސް ގަޑިއިރަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ހުވަދޫ ނިއުސް، އަށް މަޢުލޫމާތް ދެއްވަމުން ސިއްޙީ މަރުކަޒުގެ މެނޭޖަރ މުޙައްމަދު ސަވާދު ވިދާޅުވީ ސައުވީސް ގަޑިއިރަށް ޚިދުމަށް ބަދަލުކުރަން ނިންމުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
ގާތްގަނޑަކަށް 1300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫ ސިއްޙީ މަރުކަޒަށް ދުވާލެއްގެ މައްޗަށް 15 އާއި 20 ދޭތެރޭގެ މީހުން ޑޮކްޓަރަށް ދައްކާކަމަށް އެމަރުކަޒުން ފާހަގަކުރައްވައެވެ.
މިހާރު އެއް ޑޮކްޓަރާއި ހަތަރު ނަރުހުން ތިއްބަވާ ސިއްޙީ މަރުކަޒު ސައުވީސް ގަޑި އިރަށް ބަދަލުވުމުން އިތުރު ޑޮކްޓަރަކާއި ތިން ނަރުހުން އިތުރުވާނެ ކަމަށް ސިއްޙީ މަރުކަޒުގެ މެނޭޖަރ ސަވާދު ވިދާޅުވިއެވެ. މީގެ އިތުރުން އިދާރީ ގިނަ ވަޒީފާތަކަށް އިޢުލާން ކުރެވޭނެ ކަމަށްވެސް ސަވާދު ވިދާޅުވިއެވެ.
ސަވާދު އިތުރަށް ވިދާޅުވީ ސިއްޙީ މަރުކަޒު ބޮޑުކުރުމަށް އާ އިމާރާތުގެ މަސައްކަތް އަންނަ ހަފުތާގަ ފަށިގެން ދާނެކަމަށެވެ.
ގއ.އަތޮޅު ހޮސްޕޮޓަލް މެނޭޖަރު ޝަރީފު އަޙުމަދު ވިދާޅުވި ގޮތުގައި ދެއްވަދޫ އަކީ އެކަހެރިކޮށް އޮންނަ ރަށެއްކަމުން މިސަރުކާރުން ދެއްވަދޫއަށް ހާއްސަ އަހައްމަޔިތެއް ދޭކަމަށެވެ. ދެއްވަދޫ ސިއްޙީ މަރުކަޒުގެ އާ އިމާރާތާއެކު ލެބޯޓަރީގެ ހިދުމަށް އިތުރަށް ފުޅާވެގެން ދާނެކަމަށެވެ.
މިސަރުކާރު އައިފަހުން މިނިސްޓަރ ނަސީމު އަތޮޅުތެރޭ ރަށްރަށަށް ޚާއްސަ އަހައްމިޔަތުކަމެއް ދީގެން ސިއްޙީ މަރުކަޒުތަކުގެ ޙިދުމަށް ފުޅާ ކުރަމުންދާ ކަމަށާއި، ގއ.ކަނޑުހުޅަދޫ ސިއްޙީ މަރުކަޒުގެ ޚިދުމަށް ސޯޅަ ގަނޑިއިރަށް ބަދަލުކޮށް އާ އިމާރާތުގެ މަސައްކަތް ގެށިގެން ކުރިޔަށް ދާކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން މިއަތޮޅު މާމެންދޫ ސިއްޙީ މަރުކަޒުގެ އާއިމާރާތުގެ މަސައްކަތް ވެސް ފެށިގެން ކުރިޔަށް ދާކަމަށް ގއ.އަތޮޅު ހޮސްޕޮޓަލް މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވިއެވެ.