އެއްގަމު އުޅަނދުގެ ލައިސަންސް ނެތް މީހަކު ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔުމުން އެކްސިޑެންޓްވެ ދެމީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ރޭ ދަންވަރު 00:45 ގައި ސިނަމާލެ ބްރިޖުން ދަތުރުކުރި ސައިކަލެއް ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔުމުގެ ސަބަބުން ދެސައިކަލް ޖެހި ހިގި އެކްސިޑެންޓުގައި ދެމީހަކަށް ވަނީ އަނިޔާވެފައެވެ.
މިއެކްސިޑެންޓުގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކަށް ޓްރީޓޮޕްގައި އަނެކަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެހެންނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ސިނަމާލެ ބްރިޖްގައި ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލް ދުއްވަން އިނީ 31 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނަގެ އަތުގައި ލައިސަންސް ނެތްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިހާދިސާގައި އަނިޔާ ލިބުނު ދެވަނަ ފަރާތަކީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވިގޮތުގައި 24 އަހަރުގެ މީހާ ވެލާނާ އެއަރޕޯޓަށް ދަނިކޮށް ބްރިޖްގެ ޓްރެފިކްގެ ރަތް ބޮކި ދިއްލިފައި ހުއްޓާ 31 އަހަރުގެ މީހާ ވަނީ ސައިކަލް މަޑުނުކޮށް ދުއްވާފައެވެ.
އެކްސިޑެންޓްވި ދެސައިކަލް ވެސް ފުލުހުން މިހާރު ވަނީ ޓޯ ކޮށްފައެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.
ސިނަމާލެ ބްރިޖްމަތީގައި މިދިޔަ ހަފްތާގައިވެސް ވަނީ އެއްދުވަހަކު ދެއެކްސިޑެންޓް ހިގާފައެވެ.