ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ “ވޯލްޑް އެކްސްޕޯ” ގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.
“އެކްސްޕޯ 2020” ގައި ރާއްޖެ ތަމްސީލުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގުޅިގެން ދިވެހި ފަންނާނުން ހޯދުމަށް މިވަނީ ހުޅުވާލާފައެވެ. މިއެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ކެއުމާއި ހުރުން އަދި އިތުރު ޚަރަދުތައް އިކޮނޮމިކްސް މިނިސްޓްރީން ހަމަޖައްސާނެކަމަށް ވަނީ އަންގާފައެވެ.
ހަމަސްދުވަހުގެ މުއްދަތަކަށް ދެމިގެންދާ މިއެކްސްޕޯ އޮންނާނީ، 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 ގެ ނިޔަލަށެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ މަޤުބޫލު އެއް އެކްސްޕޯއެވެ.
މިއެކްސްޕޯގެ ތެރެއިން ބައިވެރިވުމަށް 3 ދާއިރާއަކުން ރާއްޖެއަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ރާއްޖެ ތަމްސީލުކުރެވޭނީ ދިވެހި ސަގާފީ ބޮޑުބެރު (ލަވައާއި ނެށުމާއި އެކު)، ދިވެހީންގެ މިއުޒިކީ އާލާތްތަކާއި އަޑުތަކާއި ޒަމާނީ މިއުޒިކް އެކުލެވޭގޮތަށް “ފިޔުޝަން މިޔުޒިކް”، އަދި ކުރެހުންތެރިންގެ ދާއިރާއެވެ.
މި ދާއިރާތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރަޖިސްޓްރީވުމާއެކު ޕަރފޯމަންސް ވީޑިއޯ (އޮޑިޝަން ޕަރފޯމަންސް) ނުވަތަ ޕޯޓުފޯލިއޯ ހުށަހެޅުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް، އެން.ސީ.އޭއިން ވަނީ ހުޅުވާލާފައެވެ.
އެން.ސީ.އޭއިންބުނާ ގޮތުގައި އެކްސްޕޯގައި ބައިވެރިވާނެ ޕަރފޯމިންގ އާޓިސްޓުން އިވެލުއޭޓްކުރުމުގައި ދިވެހި ސަގާފަތް ރަމްޒުކޮށްދޭ މިންވަރަށާއި، ހުށަހެޅުންތެރިކަމާއި ހުށަހެޅުމުގެ ފެންވަރާއި، ޕޯޓުފޯލިއޯއަށް ބަލާނެކަމަށް އެން.ސީ.އޭއިން ވިދާޅުވެއެވެ. އަދި ކުރެހުންތެރިން އިވެލުއޭޓް ކުރުމުގައި ދިވެހި ސަގާފަތާއި، ދިރިއުޅުން އަދި މާހައުލު ރަމްޒުކޮށްދީފައިވާ މިންވަރަށާއި، ކުރެހުމުގެ ފެންވަރުގެ އިތުރުން މަސައްކަތުގެ ތަޖުރިބާއަށްވެސް ބެލޭނެއެވެ.