މިފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢު އިން ކުއްލިމަރު އާދަޔާޚިލާފަށް އަންނަނީ ގިނަވަމުންވެވެ.
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މީހެއްގެ ކުއްލި މަރުގެ ޚަބަރު ލިބެނުން އަންނަގޮތް ގިނަކަން ފާހަގަކުރެވެއެވެ. ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އަންނަ ފަތުރުވެރިއެއްގެ ކުއްލި މަރަކުން މަރުވެފައިވާ ވަހަކަ ފަދަ ޚަބަރުތއް ނޫސް މަޖައްލާތަކުގެ ފަލަ ސުރުޚީތަކުގައި އިތުރުވަމުން އަންނަކަން ފާހަގކުރެވެއެވެ.
އަދި ހަމަ އެހެންމެ، ދުޅަހެޔޮ ސިއްޙަތެއްގައި ހުރެމެ އެއްވެސް ކަހަލަ ބޮޑު ބައްޔެއް ނުޖެހި ދިމާވާ ކުއްލި ކަމަކުން މީހުން ދުނިޔެއަށް އަލްވަދާޢުކިޔުން ވެގެންދަނީ އާއިލާއާއި، ރަޙްމަތްތެރިންނާއި، މުޅި މުޖުތަމަޢުއަށް ވަރަށް ބޮޑު ހިތާމަޔާއި، ހައިރާންކުރުވަނިވި ކަމަކަށެވެ. މިފަހަކަށް އައިސް އިތުރުވެފައިވާ ކުއްލި މަރުތަކުގެ ޚަބަރަށް ބަލާލާއިރު، ކޮވިޑް ބަލީގައި، ސްޓްރީކް ޖެހިގެން ނުވަތަ “ހާޓް އެޓޭކް” އެއް ޖެހިގެން ނުވަތަ “ޑައިވިން” އަށް ގޮސް އުޅުމުގެ ތެރޭގައި މަރުވާ މަރުތައް ފާހަގަކޮށްލެވެއެވެ.
ލޮބުވެތި މުސްލިމު އެކުވެރީންނެވެ! މިއީ ތިޔަ ލޮބުވެތި އެކުވެރިން ހައިރާންވާންވީ ކަމެއް ނޫނެވެ. އެމީހެއްގެ ވަގުތު ހަމަވުމުން އެމީހަކު ޖެހޭނީ ދާށެވެ. ނަމަވެސް ކުއްލި މަރު ގިނަވުމަކީ އިންޒާރެއްކަން ހަނދުމަ ނައްތާނުލާށެވެ. ޤިޔާމަތް ކައިރި ވަމުން އަންނަ ކަމުގެ ޢަލާމާތްތަކުގެ ތެރޭގައި ކުއްލި މަރު ގިނަވުން ހިމެނެއެވެ. އަނަސް ބިން މާލިކުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުން ސާބިތުވާގޮތުގައި ކުއްލި މަރަކީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.
ތިޔަ އެކުވެރިންނަކީ ބުއްދިވެރިން ކަމުގައި ވަނީނަމަ އަމިއްލަ ނަފްސު ހުށިޔާރު ކުރުވާށެވެ. ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވާށެވެ. ތިބާގެ މަރު ތިބާއާ ބައްދަލު ކުރުމުގެ ކުރިން ތައުބާވެ ހެޔޮޢަމަލު ކުރުންމަތީ ދެމިހުރުމަށް އަޒުމް ކަނޑައަޅާށެވެ. މަރު އައިސް އަހަރަމެންނާ ބައްދަލުކުރާނީ ކޮންއިރަކުން އަދި ކޮންފަދަޔަކުންކަންވެސް އަހަރަމެން އިންސާނުންނަށް ނޭނގެއެވެ. އެހެންކަމުން ދުނިޔޭގެ ހަވާނަފުސަށް ހެއްލި ވަގުތު ބޭކާރުކޮށްލުމުގެ ބަދަލުގައި މަރަކީ ތިބާއާ ބައްދަލުކުރާނެ އެއްޗެއްކަން ދެނެގަނެ އެކަމަށް ތައްޔާރުވުން މުހިންމެވެ.