ރިޕޯޓް
ކިޔާލުން މުހިންމު: ވަޒީފާނެތި އެތަކެއް ޒުވާނުންނެއް، ކާއެތިކޮޅު ހޯދުމަށް ކުނިކޮތަޅު ހާވަނީ

އާންމު އުސޫލުގެ ދަށުން މިއަދުވެސް ހުކުރު ނަމާދުކޮށް ނިމިގެން އޮފީހަށް ވަދެ ޝޯޝަލް މީޑިއާތަކުގައި އާޓިކަލް އެއް ލިޔެލަން ރަގަޅު ކަމެއް ފެނޭތޯ މަސައްކަތް ކުރީމެވެ. އެގޮތުން ޓުވިޓާ އަށް ވަދެ ބަލަމުން ދިޔައިރު ލޮލުގަ އަޅައިގަތީ ވަރަށްވެސް ހިތަށް އަަސަރުކުރިވި މަންޒަރެކެވެ. ވީޑިއޯއެއް ޝެއަރކޮށް މީހަކު ކޮށްފަ އޮތް ޓުވީޓެކެވެ. އޭގެން ފެންނަނީ ޒުވާނަކު މަގުމަތީ ބަހައްޓާފައިވާ ކުނިކޮތަޅުތަކެއްގެ ތެރެއިން އެއްޗެއް ފެނޭތޯ މަސައްކަތް ކުރާ މަންޒަރެވެ. ހިތަށް އަސަރުކުރުވި މަންޒަރެކެވެ. ފެނުނު ވީޑިއޯއިން އަދި ވީޑިއޯ ޓުވީޓު ކުރި ފަރާތުން އޭގައި ލިޔެފައިވާ ލިޔުންކޮޅުން އަޅުގަނޑަށް ސިފަވި ކަންތައްތަކަށް ޖެހިލާނަމެވެ. ކޮންމެވެސް ވަރަކަށް ސިޔާސީ ކުލަވަރެއްވެސް އެ ޓުވީޓުން ފެނުނެވެ.

ޓުވިޓާގައި މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އޭނާ ދިރިއުޅޭ ގޭގެ ބެލްކަނީ އިން ބޭރު ބަލާލިއިރު ފެނުނު މަންޒަރެއްގެ ވާހަކައެކެވެ. މިހާރުވެސް ކުނިކޮތަޅު ހާވައިގެން ކައިގެން ބޮއިގެން އުޅޭ މީހުން މަދެއް ނޫންކަމަށެވެ. ވަޒީފާއެއް ނެތިފަ އެތަކެއް ޒުވާނުންނެއް އުޅޭ ވާހަކައެވެ. ބަނޑުފުރާނަ މުއްތި ކުރާނެ ގޮތެއް ނެތިފަ އެތައް ބަޔަކު ތިބި އިރުވެސް ރައީސް ސޯލިހު އަށް ގައުމީ މަޖިލިސް އަށް ކެމްޕެއިން ކުރެވުނީމަ ނިމުނީ ކަމަށެވެ.

ހަގީގަތުގައި ވެސް ރަގަޅު ވާހަކަތަކެކެވެ. ގޭގެ ބެލްކަނީ އިން ނިކުމެ ބޭރު ބަލާލުމުން އެކަންޏެއް ނޫނެވެ. މަގުމަތިން ވެސް އަދި އެހެނިހެން ތަންތަނުންވެސް ކާއެތިކޮޅެއް ލިބޭތޯ ނޫނީ ބޭސްފަރުވާ އަށް ސަލާންޖަހާ މީހުން ވަކި މަދެއް ނޫނެވެ. ނިދާނެ ތަނެއް ނެތިވެ މަގުމަތީ ނިދާމީހުން މަދުން ނަމަވެސް ފެނެއެވެ. ލިބޭ މަދު ލާރިކޮޅުން ގޭގެ ހަރަދުކޮށްފަ ދެން އިތުރަށް އާއިލާގެ އެހެން ޒަރޫރީ ބޭނުންތަކަށް ހަރަދު ކުރާނެ ގޮތެއް ނެތިގެން ސަލާންޖަހާ މީހުންވެސް މަދެއް ނޫނެވެ. ގައުމު ތަރައްގީވަމުން އަންނަ ޒަމާނެއްގައި ޒުވާނުން މަގުމަތީ ޑަސްބިން ތަކުން ކާނެ އެއްޗެއް ހޯދަން ޖެހޭ ހިސާބަށް ދިއުމަކީ ސަރުކާރުތަކުން ވެސް އަދި ވަޒީފާދޭ އެހެނިހެން އަމިއްލަ ފަރާތްތަކުންވެސް ލަދުގަންނަން ޖެހޭ ކަމެކެވެ. ތަހުޒީބީ މުޖުތަމައެއް ބިނާކުރެވޭނީ އެންމެނަށް ވެސް ހަމަހަމަ ފުރުސަތު ލިބިގެންނެވެ. ވަކި ބަޔަކަށް ހުރިހާ ކަމެއް ލިބެން ޖެހޭ އުސޫލަށް ނިމުމެއް އަންނަން ޖެހެއެވެ. ސަލާން ޖެހުން ހުއްޓެން ވެއްޖެއެވެ.

ތަރައްގީވެފައިވާ ޒަމާނެއްގައި ޒުވާނުން ވަޒީފާ ނުލިބި މަގުމަތީގައި ކުރާނެ ކަމެއްނެތި އުޅެން ޖެހުމަކީ ލަދުގަންނަން ޖެހޭ ކަމެކެވެ. ވަޒީފާ ތަކަށް ނުގޮސް ތިބޭ ހުރިހާ ޒުވާނުންނަކީ، ވަޒީފާތަކަށް ނުގޮސް ދިރިއުޅުން ބޭކާރު ގޮތުގައި ހޭދަކޮށްލާ ބައެއްކަމުގައި ދެކިގެން ނުވާނެއެވެ. ވަޒީފާ ނުލިބިގެން ވަޒީފާ ލިބޭތޯ ސަލާންޖަހާ ޒުވާނުންވެސް މަދެއް ނޫނެވެ. ނަމަވެސް ވަޒީފާގެ ފުރުސަތު އެވަރަށް ނެތީއެވެ. ނޫނީ ސިޔާސީ ބޮޑު ޕާޓީއެއްގެ ނުވަތަ ސިޔާސީ ނުފޫޒުވެރިއެއްގެ ފަހަތުގައި ނެތުމުން ވަޒީފާ ނުލިބެނީއެވެ. ވަޒީފާގެ މާހައުލުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ، އެމީހެއްގެ ހުރި ގާބިލް ކަމަކުން އެމީހަކަށް އެކަށޭނެ ވަޒީފާލިބެން ޖެހެއެވެ. ވަޒީފާ ނެތިވެ ޒުވާން ޖީލެއް ހަލާކުވެގެންދާ މަންޒަރު ބަލަން ތިބެވޭކަށް ނެތެވެ. މިއަށްވުރެ ދުރުވިސްނުން ގެންގުޅެން ޖެހެއެވެ. ވަޒީފާ ނުލިބި ޒުވާނުން މަގުމަތިވާ ވަރަކަށް ކުށްކުރުން އިތުރުވެގެންދާނެއެވެ.

ދެންއޮތީ ސިޔާސީ ބޭނުންތަކަށް ޒުވާނުންގެ ބޭނުން ހިފައި، ތިމާގެ އަމިއްލަ ބޭނުން ނިމުނީމައި އެޒުވާނުން އަނެއްކާވެސް މަގުމަތިކޮށްލާ ވާހަަކައެެވެ. ކޮންމެ އިންތިހާބަކާއި ކައިރިވުމުން ކޮންމެ ބަޔަކުވެސް ޒުވާނުންގެ ކުރިއެރުމާއި ޒުވާނުންގެ މުސްތަގުބަލަށްޓަކައި ނަމުގައި، ބޮޑެތި މެނިފެސްޓޯތަކާއި އެތަކެއް ހުވަފެންތަކެއް އެޒުވާނުންނަށް ދައްކާލައެވެ. ހިންދީ ބަހުރުވައިގަ އަޅުގަނޑަށް މިކަމާ ގުޅޭ ގޮތުން ފާހަގަ ކޮށްލެވޭ ކުރު ޖުމްލައެއް އޮވެއެވެ. “ރާތްގައީ ބާތްގައީ” ރަގަޅު ވާހަކައެކެވެ. ތިމާގެ ބޭނުންފުދުނީމަ އެވާހަކަ ނިމުނީއެވެ. ސިޔާސީ ވެރިން ޒުވާނުންގެ ބޭނުން ހިފަނީ “ވަން ނައިޓް ސްޓޭންޑް” ގެ ގޮތުގައި ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ޒުވާނުން މަގުމަތިވެފަ ތިބޭއިރު އެތަން ފެންނަ ސަރުކާރެއްވެސް އަދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރާ ސިޔާސީ ނުފޫޒުވެރިއެއްވެސް ނުފެންނާނެއެވެ.