ޚަބަރު
ރައީސް ޔާމީނަކީ ރައީސްކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން- ނާޒިމް

އޮންލައިން މީޑިޔާއެއްގައި ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއެކު ދެން ދުވަހަކު ވެސް ސިޔާސީ މަަސައްކަތްޕުޅެއް ނުކުރައްވާނެ ކަމަށާއި އަދި ރައީސް ޔާމީނަކީ ރައީސްކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށެވެ.

ނާޒިމް ވިދާޅުވެފައިވާގޮތުގައި އެމަނިކުފާނު ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ގެކޮޅުން ފިސްތޯލެއް ފެނުނު ކަމަށް ބުނާ މައްސަލައަށްފަހު ތިން އަހަރާއި ބައި ޖަލުގައި ނުހައްގުން ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށެވެ. އހާދިސާއަށް އިޝާރަތް ކުރައްވަމުން ނާޒިމް ވިދާޅުވީ، އެއީ ކުރިގެ ރައީސް ޔާމިން އަބްދުލް ޤައްޔޫގެ ފަރާތުން ލިބިވަޑައިގެންނެވި ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި، އެހެންނަމަވެސް އެކަމަށް ރައީސް ޔާމީނަށް މައާފު ކުރައްވާ ކަމަށެވެ. އަދި އެއްވެސް ހިތް ބުރަކަމެއް ރައީސް ޔާމިނާއި މެދު ނެތް ކަމަށް ވިދާޅުވިއެވެ.

މަޢާފް ކުރެއްވި ނަމަވެސް، ރައީސް ޔާމީނާއެކު ދެން ދުވަހަކުވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ނާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވެފައިވާގޮތުގައި، ކުރީގެ ރައީސް ޔާމީނަކީ، އަލުން ވެރިކަމަށް ގެނައުމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީނަކީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވަން ވެސް އެކަށީގެންވާ ބޭފުޅެއް ނޫންކަމަށެވެ.

ނާޒިމް ވިދާޅުވެފައިވާގޮތުން، ފްރޭމް ކުރައްވައި ޖަލަށް ލެއްވުން އަދި ތިން އަހަރާ ބައިގެ މުއްދަތަށް ޖަލުގައި ހުންނެވުމަކީ ކިހާ ބޮޑު އަނިޔާއެއްކަން އޭރު ރައީސް ޔާމިނަށް އެނގިވަޑައިނުގެންނެވި ނަމަވެސް މިހާރު ރައީސް ޔާމީނަށް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދުވަހު އޭނާ އޮންނެވީ ހޫނު ކުޑަ ގޮޅިއެއްގައި ނަމަވެސް ޖަލުގައި ފިނި ކޮޓަރީގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ވޭން ވެސް މިހާރު އިހުސާސް ކުރެއްވޭނެ ކަމަށެވެ. ނާޒިމް ވިދާޅުވެފައިވާގޮތުން، ރައީސް ޔާމީނަށް ވެސް އަދި އެހެން މީހަކަށް ވެސް އެފަދަ އަނިޔާއެއް ލިބިވަޑައިގަތުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާނެ ކަމަށެވެ.

ކާނަލް ނާޒިމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްއެންޕީގެ ނަމުގައި އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އުފައްދަވައި، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ މަސައްކަތްޕުޅެވެ.

Comment