ޚަބަރު
ލޯންޗެއް ޑިންގީއަކަށް އަރައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

ކ.މާފުށީ ނެރުކައިފަރުމަސްވެރިކަން ކުރުމަށް ނުކުމެ އުޅުނު ޑިންގީއަކަށް ލޯންޗެއް އަރައި ހިނގި ހާދިސާއެއްގައި ޑިންގީގައި އިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެެއެވެ.

ކ.މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު މީޑިއާއަށް މަޢުލޫމާތު ދީފައިވާގޮތުގައި، މި ހާދިސާގައި އަނިޔާ ލިބުނު ފަރާތް ފަރުވާއަށް އިމަޖެންސީކޮށް މާލެފޮނުވާލެވިފައި ވާކަމަށެވެ. އަދި އެ ފަރާތަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކައުންސިލް ރައީސް މައުލޫމާތު ދީފައިވާގޮތުން، މި ހާދިސާ ހިނގީ ރޭ 09:20ހާއިރު ގައެވެ.

ލޯންޗް ދުވަން ހުރި ކައްޕި މީޑިޔާއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ޑިންގީގައި ހުރި މީހާ، މަސް ބާނަން އިންދާ ލޯންޗު އައިސް ފަހަތުން އެރީއެވެ. އަދި ޖެހުމުން އޭނާ މޫދަށް ވެއްޓުނީއެވެ. ލޯންޗު ދުއްވަން ހުރި ކައްޕިއާ ހަވާލާދީ ސޮލާހް ކިޔައިދިނެވެ. އޭނާ ކިޔައިދިން ގޮތުގައި އެ ލޯންޗަކީ 100 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ގާތްގަނޑަކަށް 18 ފޫޓުގެ ލޯންޗެކެވެ. އަދި ޑިންގީގައި އިން މީހާއަށް ވަރަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެމީހާގެ ދަތްތައް ވެސް އެއްކޮށް “ގޮސްފައިވާ” ކަމުގައި އޭނާ ކިޔައިދިނެވެ. އަދި އޭނާ ކެއްސާލުމުން ވެސް އަންނަނީ ލޭ ކަމަށާއި ނޭވާލީ ވެސް ވަަރަށް އުނދަގުލުން ކަމުގައި ކިޔައިދިނެވެ.

އަނިޔާވެފައިވާ މީހާ އިމަޖެންސީކޮށް މާލެގެންދެވި، އޭޑީކޭގައި މިވަގުތު އަންނަނީ ފަރުވާދެމުންނެވެ.