ރިޕޯޓް
މިރަޓާ ލެބީއްކުން ވަރިހަމަ، އެކަމު ކޮޅަ އަނިޔާގެ ވާހަކަ ނުދެއްކުމާ ވަރިހަމަ ނުން!

މިރަޓާ ލެބީއްކުން ވަރިހަމަ (މިރަށް އަހަރަމެންނަށް ލިބިއްޖެއެއް ނު، އެވަރުން ފުދޭ) ކޮޅަ އަނިޔާގެ ވާހަކަ ނުދެއްކުމާ ވަރިހަމަ ނުން (ކުރި އަނިޔާގެ ވާހަކަ ނުދެއްކުމާއި ދެކޮޅު) މިއީ ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ ފަންސާސް ފަސް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ކުލަގަދަ ރަސްމިއްޔާތާއި ގުޅުވައިގެން ސޯޝަލް މީޑިޔާގައި މިވަގުތު ތިނަދޫއަށް ނިސްބަތްވާ ބައެއް ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުމާއި ޝުޢޫރެވެ.

ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 55 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރެވުނު، ތީމް ޅެން “މިރަޓާ ލެބީއްކުން ވަރިހަމަ” އަކީ ތިނަދޫއަށް އުފަން މަޝްހޫރު ޅެންވެރިޔާ އަބްދުﷲ އަފީފް، ހަދާފައިވާ އިބްރަތުން ފުރިގެންވާ ފަށުވި ޅެމެކެވެ. މިޅެމަށް އިތުރަށް ފުރިހަމަ ވެގެން ގޮސްފައިވަނީ، ތިނަދޫއަށް އުފަން  ގިނަ ފަންނާނުންތަކެއް ގުޅިގެން އުފައްދާފައިވާ ސްޓޭޖް ޑްރާމާއިންނެވެ.

ތިނަދޫ އަށް ދެވަނަފަހަރަށް އާބާދުވިދުވަހުގެ އަސަރު ފުރިގެންވާ މަންޒަރު އެ ފަންނާނުން ތިނަދޫގެ ރައްޔިތުންނަށް ދައްކުވައިދިނީ ހިތްތައް ރޮއްވާލާފަދަ  ފުން އަސަރާއެކުގައެވެ. މިޑްރާމާއަކީ ތިނަދޫގައި މިހާތަނަށް އެންމެ ގިނަ ފަންނާނުން ބޭނުންކޮށްގެން އުފައްދާފައިވާ ޑްރާމާއަށް ވުމުގެ އިތުރުން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރުގެ އެކްޓިންގ ވެސް މިސްޓޭޖް ޑްރާމާއިން ފެނިގެން ދެއެވެ.

މިއީ ތިނަދޫ ކައުންސިލާއި، ތިނަދޫގެ ފަންނާނުން ކޮށްފައިވާ އަގުހުރި މަސައްކަތެއްގެ ގޮތުގައި  މިމަސައްކަތް  ފާހަގަވެގެން  ދެއެވެ. މިމަސައްކަތް ރައްޔިތުން ވަރަށް ފުރިހަމަޔަށް ބަލައިގަނެއެވެ. މިވާހަކަތަކީ، ޖީލުތަކަށް އަހަރަމެން ފޯރޮކޮށްދޭންޖެހޭ ވާހަކަތަކެވެ. ތިނަދޫގެ ޒުވާން  ޖީލު މިވާހަކަތަކުން އިބްރަތް ހޯދައި، ކާބަފައިންގެ ހިތްވަރު ފާހަގަކޮށް، ތިނަދޫ މިއަދު މިފެންނަ ތަރައްޤީގެ ރަށަކަށް ބަދަލުކޮށްލުމުގެ އިސްރޯލެއް އަދާކޮށްފައިވާ ކާބަފައިންގެ ޒިކުރާ އާލާކުރަން ޖެހެއެވެ.

ކިތަންމެ ކުލަގަދަކޮށް މިދުވަސް ފާހަގަ ކުރި ނަމަވެސް، މިދުވަހުގެ ވާހަކަ ދައްކާއިރު، ތިނަދޫ ރައްޔިތުންނަށް ދިވެހި ދައުލަތުގެ ފަރާތުން ދީފައިވާ ލާއިންސާނީ، އަނިޔާގެ ވާހަކަ ނުދައްކައި ނިންމާ ނުލެވޭނެއެވެ. މިރަށް އަހަރަމެންނަށް ލިބިއްޖެ، އެވަރުންވެސް ފުދޭ، އެކަމަކު ދައުލަތަކުން ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ އަނިޔާގެ ވާހަކަ ނުދައްކާ ފަސްއެޅުމަށް މަސައްކަތް ދެނެއް ނުކުރެވޭނެއެވެ.

ސަރުކާރުތަކުން ހަޤީޤަތް އޮޅުވާލައި، ދަޢުލަތަށް ނުކިޔަމަންތެރިކަން ދެއްކުމުން، އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ތިނަދޫން މީހުން ބޭލި ހާދިސާ ދައްކަން އުޅުނަސް، ހަޤީޤަތް އެންމެންނަށް މިއަދު އެގެއެވެ. މިވާހަކަތަށް އަޅުގަނޑުމެންގެ ޅަ ޖީލުތަކަށް ހަޤީޤަތާއި އެއްގޮތަށް ފޯރުކޮށްދޭންޖެހެއެވެ. ކައުންސިލަކަސް، ސަރުކާރަކަސް، މިވާހަކަ ނުދައްކައި ފޮރުވަން އުޅުމަކީ ގޯހެކެވެ.

އައްޑޫ ސިޓީގެ މޭޔަރުގެ ވަރަށް ޖޯޝުން ފުރިގެންވާ ވާހަކަކޮޅެއް ތިނަދޫގެ ރައްޔިތުންނާއި މުޚާޠަބު  ކޮށް، ރޭގެ ހަފުލާގައި، އައްޑޫ ބަހުރުވައިން ދެއްކިނަމަވެސް، ފަހުމްވި މިންވަރަކުން، ތިނަދޫގެ ގިނަ ރައްޔިތުން މޭޔަރާއި އެއްބަސްވެއެވެ. އެވާހަކަތަށް ތިނަދޫއަށް އުފަން ބޭފުޅުން ނުދައްކަން ޖެހޭ ސަބަބެއްނެތެވެ. ވަކި ސިޔާސީ ޕާޓީއެއް ވެރިކަމުގައި އޮތުމުން އަނގަގައި ޓޭޕްއަޅައި، ތުން ފިއްތައިގެން  ތިބެންޖެހޭ ސަބަބެއް ނުވިސްނެއެވެ. ކޮންމެ ބަޔަކު ކުރިޔަސް، އަނިޔާ އަނިޔާއަށް ނުވާނޭ ގޮތެއް ނެތެވެ.

ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ކުލަގަދަ ޖަލްސާގައި، ތިނަދޫގެ ރައްޔިތުންނަށް ދައުލަތުން ދީފައިވާ އަނިޔާގެ ވާހަކަ އެމުނާސަބަތުގައި ދައްކަން ބޭނުން ނުވާކަން  ދޭަހަވާ އިބާރާތުން، ޖަލްސާ އިންތިޒާމް ކުރިފަރާތުން ބުނެފައިވުމުން، ގިނަ ބަޔެއްގެ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ތިނަދޫ އަށް އުފަން ހުނަރުވެރި ޝާއިރުން އެމީހުންގެ ޅެންތަކުން، ޅެންބަހުރުވައިން އަނިޔާގެ ވާހަކަ ނުދެއްކުމާއި ދެކޮޅުކަން ހާމަކުރަމުންދާއިރު، ގިނަ ފަރާތްތަކެއް އަންނަނީ އަނިޔާ ފޮރުވައިގެން ނުވާކަމަށް ބުނެ ސޯޝަލް މީޑިޔާގައި ޝުޢޫރު ފާޅުކުރަމުންނެވެ.

ތިނަދޫއަކީ، ހިތްވަރުގަދަ ކާބަފައިންތަކެއް ދިރިއުޅުނު، އަނިޔާއާއި ދެކޮޅަށް ފާޅުގައި ނުކުންނަށް ކެރޭ ހިތްވަރުގަދަ މީހުން ދިރިއުޅެފައިވާ އަދި މިހާރުވެސް ދިރިއުޅެމުންދާ، މުޅިރާއްޖެއަށް ނަމޫނާ ރަށެކެވެ.

މިރަޓާ ލެބީއްކުން ވަރިހަމަ، އެކަމު ކޮޅަ އަނިޔާގެ ވާހަކަ ނުދެއްކުމާ ވަރިހަމަ ނުން!