ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ލިބުނު ބައެއް މީހުން އެމީހުންގެ ފްލެޓް ކުއްޔަށް ދޭން އިސްތިހާރު ކުރަން ފަށައިފިއެވެ.
އެގޮތުން، މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފްލެޓް ކުއްޔަށް ދޫކުރަން މިހާރު އިސްތިހާރު ކުރަމުން އެބަދެއެވެ. ބޯހިޔާވަހިކަން ހައްލު ކުރުމަށް ދޫކޮށްފައިވާ ފްލެޓްތައް މީގެ ކުރިން ވެސް ކުއްޔަށް ދޫކޮށްފައި އެބަހުއްޓެވެ. ނަމަވެސް ސަރުކާރުގެ އިދާރާތަކަށް އެ މައްސަލަތައް ވަނީ ހައްލުކުރެވޭ ގޮތް ނުވެފައެވެ.
ވައިބާ ގްރޫޕެއްގައި އިން އިޝްތިހާރެއްގައި، ހިޔާ ފްލެޓެއް ކުއްޔައް ދޫކުރުމަށް 10،000 (ދިހަ ހާސް) ރުފިޔާ ކުލީގެ ގޮތުގައި އިން އިރު، އެހެން ވައިބާ ގްރޫޕެއްގައި އިން ޕޯސްޓެއްގައި ހިޔާ ފްލެޓެއް ކުއްޔައް ދޫކުރުމަށް 12،000 (ބާރަ ހާސް) ރުފިޔާ ކުލީގެ ގޮތުގައި އަގު ޖަހާފައި އިނެވެ.
އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ދޫކުރާ މިފަދަ ފްލެޓްތައް އެގްރިމެންޓާ ހިލާފަށް ކުއްޔަށް ދޫކުރާނަމަ ފްލެޓްތައް އަތުލާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލު ކުރަން ފަށައިފައި ވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެނެވެ. 6720 ޔުނިޓްގެ ތެރެއިން މިހާތަނަށް ސޮއި ކޮށްފައި ވަނީ 5519 މީހުނެވެ.