ތިނަދޫ އެސޯސިއޭޝަން ފޮ ޔޫތު ޑިވެލޮޕްމަންޓް (ޓޭޑް) ޖަމިއްޔާގެ ދެވަނަ އަހަރީ ދުވަހާ ދިމާކޮށް އެޖަމިއްޔާގެ އޮފީހެއް ގދ. ތިނަދޫގައި ހުޅުވައިފިއެވެ.
ތިނަދޫ ކާނޭޝަން ވިލާ ނަމަކަށް ކިޔާ ގޭގައި ހުޅުވިގެން މިދިޔަ އޮފީސް ހުޅުވާދެއްވީ ކުޅުދުއްފުށީ ސިޓީ މޭޔަރ މުހައްމަދު އާތިފްއެވެ.
ޓޭޑް ޖަމިއްޔާއަށް ދެއަހަރު ފުރިފައިވަނީ މިމަހު 9 ވަނަ ދުވަހަށެވެ.
ގދ.ތިނަދޫގައި އަލަށް މީހުން އާބާދުވިތާ 55 އަހަރު ފުރުން ފާހަނގަކުރުމުގެ ގޮތުން ތިނަދޫގައި ރޭ ބޭއްވި ހަރަކާތުގައި ބައިވެރިވުމަށް ދެކުނުގެ އަތޮޅުތަކުން ވަރަށް ގިނަ މެހެމާނުން ވަނީ ތިނަދޫއަށް ޒިޔާރަތްކޮށްފައެވެ. އެމީހުންގެތެރޭގައި ކުޅުދުއްފުށީ ސިޓީ މޭޔަރ އާތިފް ހިމެނެއެވެ.
ޓޭޑް ޖަމިއްޔާއަކީ އިޖްތިމާއީ ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ޒުވާނުންނާއި ގުޅޭ އެކިއެކި ހަރަކާތްތައް ގެނެސްދޭ ޖަމިއްޔާއެކެވެ. ކުޅިވަރުގެ އިތުރުން މިޖަމިއްޔާއިންވަނީ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.