ފާޅުކަން ބޮޑު ގޮތެއްގައި އަންހެން ހެދުން ލައިގެން ހުރެ ޓިކްޓޮކްގައި ބަރަހަނާވި ފިރިހެންމީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިގޮތުގައި ޓިކްޓޮކްގައި ބަރަހަނާވި 36 އަހަރުގެ ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ.
މިދިޔަ ބުދަދުވަހު އެމީހާވަނީ އަންހެން ހެދުން ލައިގެން ހުރެ ކުޅުނު ޓިކްޓޮކެއް އާއްމުކޮށްފައެވެ. މިފިރިހެންމީހާ އަކީ މީގެ ކުރިންވެސް އަންހެން ހެދުން އަޅައިގެން ހުރެ ވީޑިޔޯކުޅެ ޓިކްޓޮކް ހަދަމުންގެންދާ މީހެކެވެ. ޓިކްޓޮކްގެ ޤަވައިދުގައި ބުނާގޮތުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާއްމުކުރުމަކީ ގަވައިދާ ޚިލާފްކަމެކެވެ. އެހެންކަމުން އެވީޑިޔޯ އާއްމު ވި ހިސާބުން އޭނަގެ އެކައުންޓް ވަނީ ބަންދުކުރެވިފައެވެ.
މިވީޑިޔޯ އާއްމުވުމާއެކު ގިނަބަޔަކު ވަނީ އޭނާ ހައްޔަރުކުރުމަށް ގޮވާލާފައެވެ.
ފަހަކަށް އައިސް ދިވެހިން ކުޅޭ ބައެއް ޓިކްޓޮކްތަކުން އަންހެންކުދިންވެސް ނިވާކަން ކުޑަ ހެދުން އަޅައިގެން ވީޑިޔޯ ކުޅެފައި ޑާންސްކޮށްފައި ހުންނަތަން ފެނެއެވެ. އެހެންނަމަވެސް ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއެއްގެ ސަމާލުކަމަށް މިކަން އައިސްފައި ނުވެއެވެ.
ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.