ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާއި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ސްޕްރީމްކޯޓަށް ހުށަހަޅައިފިއެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކާއި ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލުމުގެ އަމުރަކަށް އެދި ސްޕްރީމްކޯޓަށް ވަނީ ދަންނަވާފައެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ. ކްރިމިނަލް ކޯޓުން ޔާމިންގެ މައްޗަށް ކޮށްްފައިވަނީ 5 އަހަރުގެ ޖަލު ހުކުމަކާއި 70 މިލިޔަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެކެވެ.
ސްޕްރީމްކޯޓުގައި ޔާމީންގެ މައްސަލަ ބައްލަވަން ތިއްބަވާ ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ސްޕްރީމް ކޯޓުގައި ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރީ 22 އިސްތިއުނާފީ ނުކުތާއެވެ.
ގއ.ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްވުމުގެ މައްސަލައިގައި ދަށުކޯޓުން ވަނީ ފަސް މިލިޔަން ޑޮލަރުގެ ޖޫރިމަނާ ހުކުމެއް ޔާމީންގެ މައްޗަށް ކޮށްފައެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފށާފައިވާއިރު ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ވެސް އެއް މިލިއަން ޑޮލަރު ޔާމީން ނެންގެވި ކަމަށް ތުހުމަތުކޮށް އެމައްސަލަވެސް ދަނީ ކުރިޔަށެވެ.
އެހެންނަމަވެސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިޔޯތައް ލީކުވުމާއި ގުޅިގެން އިދިކޮޅުން ބުނަމުންދަނީ ޔާމީންގެ ޝަރީއަތް ކުރިޔަށް ދަނީ އިންސާފެއް ނެތި ކަމަށެވެ.
އެހެންކަމުން ޔާމީންގެ ސަޕޯޓަރުންވަނީ މިދިޔަ ހުކުރުދުވަހު އިންސާފް ހޯދުމަށްބުނެ އިހުތިޖާޖް ކޮށްފައެވެ.