ގދ.ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ކުރިޔަށް ގެންދަވާ ޕްރޮގްރާމެއް ކަމަށްވާ “ތިންކް ބިގަރ” ޕްރޮގްރާމްގައި ކުޅުދުއްފުށީ ސިޓީ މޭޔަރ އަހުމަދު އާތިފް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
މިޕްރޮގްރާމްގެ ދަށުން އާތިފް ވަނީ ތިނަދޫ ކުސީ ޕާކުގައި ރުކެއް އިންދާފައެވެ.
ތިނަދޫ އާބާދީ 55 ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގެ މޭޔަރގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ ތިނަދޫއަށް ވަޑައިގެންނެވިއެވެ. މިދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އާތިފް ވަނީ ތިނަދޫ ކައުންސިލްގެ ރައީސް ކުރިޔަށް ގެންދަވާ މިޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
“ތިންކް ބިގަރ” ޕްރޮގްރާމަކީ ތިނަދޫ ކައުންސިލުގެ ރައީސް އަމިއްލަ އިސްނެންގެވުމަށް ކުރިޔަށް ގެންދަވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް ތިނަދޫގެ އެކިއެކި ސަރަހައްދުގައި 500އަށް ވުރެ ގިނަ ރުއް އިންދާފައިވާއިރު ތިނަދޫގެ ގިނަ ބަޔަކުވަނީ މިޕްރޮގްރާމްގެ ހިއްސާއަކަށްވެފައެވެ. އެގޮތުން އިންދާ ކޮންމެ ރުކެއްވެސް ރަށުގެ އެކިއެކި މީހުން ލައްވާ އިންދައެވެ. އަދި ރަށަށް އަންނަ މެހެމާނުންވެސް މިކަމުގައި ބައިވެރިކުރުވުމަކީ ސައުދުއަށް ލިބިގެންދާ އިތުރު ހިތްވަރާއި ކުރިއެރުން ކަމުގައި ސައުދު ދެކެއެވެ.
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސްވެރިންވެސް ވަނީ ސައުދު އަލީގެ މިމަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މީގެ އަހަރުތަކެއް ކުރިން ސައުދު ފެށި މިޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށް ބުނެ ސައުދު އަލީއަށް ދައުލަތުގެ އިސްވެރިންވެސް ވަނީ ތައުރީފްކޮށްފައެވެ.