ގދ ތިނަދޫގައި ފެން ބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް އަމަލީ މަސައްކަތް ފަށައިފި ފަށައިފިއެވެ.
އެގޮތުން ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއު މިއަދު ފަަށާފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދަނީ ސްރީލަންކާ ކުންފުންޏެއް ކަމަށްވާ ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
ސެނޮކް ކޮމްބައިންއިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޑްރެނޭޖް ސިސްޓަމްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރާ ސިސްޓަމެއް ކަމަށް އެކުންފުނިން މައުލޫމާތުދޭއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވަނީ ތިނަދޫގެ ރޯހައުސް ސަރަހައްދުންނެވެ.
އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފޭސްގައި ތިނަދޫގެ 8 ސަރަހައްދެއްގައި ޕަމްޕް ސްޓޭޝަން އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 38،636،650.20 ރުފިޔާއަށެވެ.
ގދ.ތިނަދޫ ގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއު ނިމުމާއި އެކު ތިނަދޫއަށް ދިމާވެފައިވާ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
2019 ވަނަ އަހަރު ސެނޮކް ކޮމްބައިން އާއި ހަވާލުކޮށްފައިވަނީ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް ދުނިޔެއަށް ދިމާވި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މި މަސައްކަތް ވަނީ ނުފެށި ލަސްވެފައެވެ.