މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތް ފާހަގަކޮށް، އިންޓަރނޭޝަނަލް ޖެންޑަރ ޗެމްޕިއަންގެ ލަގަބު އެމަނިކުފާނަށް އަރުވައިފިއެވެ.
ނިޔު ޔޯކަށް ޝާހިދު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޝާހިދަށް އެ ލަގަބު އަރުވާފައި ވަނީ ނިޔު ޔޯކްގައި ތިއްބަވާ އަންހެން ސަފީރުންނާ ޝާހިދު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ސަފީރުން ވަނީ އ.ދގެ އާންމު މަޖިލީހަކީ މިންތީގެ ހަމަހަމަކަން ގާއިމު ކުރެވިފައިވާ އޮފީހަކަށް ހައްދަވާނެ ކަމަށް ޝާހިދު ވައުދުވެވަޑައިގަންނަވާފައި ވާކަން ފާހަގަ ކޮށްފައެވެ. އަދި މިންތީގެ ހަމަހަމަކަމާއި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ގުޅޭ ތަމްރީނުތައް ފުރިހަމަ ކުރުމަށް އެމަނިކުފާނުގެ އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރުވާނެ ކަމަށް ނިންމަވާފައި ވާތީ، ސަފީރުން ވަނީ އެކަމަށްވެސް މިނިސްޓަރަށް މަރުހަބާ ދައްނަވާފައެވެ.
މިނިސްޓަރ ޝާހިދުގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ ދެބައިކުޅަ އެއްބަޔަކީވެސް އަންހެނުންނެވެ.