އޮކޮޓޫބަރ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕާ ގުޅޭ ގޮތުން ރާއްޖޭގައި ރަސްމީކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕެއިން އިފްތިތާހުކުރުން މިރޭ ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.
ސާފް ޗެމްޕިއަންޝިޕް ކެމްޕެއިން މުޅި ރާއްޖެއަށް ފުޅާކުރުމަށް ހަމަޖެހިފައިވާ ކެމްޕެއިނަކަށް ވާއިރު، ކުރިޔަށް އޮތް ސާފް ޗެމްޕިއަން ޝިޕްގެ ހުރިހާ މެޗެއް ކުޅެން ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިއީ ރާއްޖޭގައި ފުޓްބޯޅައިގެ ގެއްލިފައިވާ ފޯރި އަލުން ގެނައުމަށް ދިވެހިންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ފުޓްބޯޅައަކީ ގައުމު އެއްބައިވަންތަ ކުރުވާ ކުޅިވަރެއް ކަމަށާއި، މީގެ ކުރިންވެސް އެކަން ދިވެހީން ސާބިތުކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން އަންނަ މަހުގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ދިވެހިރާއްޖެގެ ގައުމީ ޓީމު މިހާރު ވަނީ ފަރިތަކުރުންތަކަށް ގަތަރަށް ދަތުރުކޮށްފައެވެ.
ގަތަރުގައި ކުރިޔަށް ގެންދާ ޓްރެއިނިންގ ކޭމްޕަށް ފަހު ރާއްޖޭގެ ގައުމީ ޓީމް އެނބުރި ރާއްޖެ އަންނަން ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.