ޚަބަރު
އިމިގްރޭޝަންގެ އޮފީހެއް ތިނަދޫގައި ޤާއިމްކުރަނީ

ތިނަދޫގައި އިމިގްރޭޝަނުގެ އޮފީހެއް ޤާއިމްކުރުމަށް ބަޖެޓް ކުރެވިފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ތިނަދޫ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވެފައިވާގޮތުގައި އިމިގްރޭޝަންގެ އަމާޒު ހުރީ އިމިގްރޭޝަންގެ މިއަތޮޅުގެ މައި ހަބަކަށް ތިނަދޫ ހަދައި އިމިގްރޭޝަނާއި ގުޅުންހުރި މަސައްކަތްތައް ތިނަދޫއިން ވާނެ އިންތިޒާމް ހަމަޖެއްސުމަށެވެ. ޕާސްޕޯޓްތައް ހަދަން ބަލާއިރު އިމިގްރޭޝަނުން ބައިވަރު ކަންކަން ބަލައި މޮނިޓަރކޮށް މެއިންޓެއިން ކުރެވެންޖެހޭކަންވެސް އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވިއެވެ. ސަބަބަކީ ދިވެހި ޕާސްޕޯޓަކީ ސައުތް އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަށް ވުމެވެ. އެހެންކަމުން ޕާސްޕޯޓް ދޫކުރުމަށް އިމިގްރޭޝަން އޮފިސަރެއް ތިނަދޫގައި ބަހައްޓަންޖެެހެއެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ހާމަކޮށްފައިވާ ގޮތުގައި، ތިނަދޫ ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަން ޖެހޭކަމަށާއި، އިމިގްރޭޝަންގެ މަސައްކަތް ވަގުތީގޮތުންވެސް ފަށަންޖެހޭކަމަށެވެ. އިމިގރޭޝަންގެ ވިސްނުންހުރީ، ތިނަދޫގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކޮށް، ތިނަދޫ އިމިގްރޭޝަން އޮފީހަށް ބޭނުންވާ މުވައްޒަފުން ހޯދައި ބޭނުންވާ ޓްރެއިނިންގ ދިނުމަށެވެ.

ތިނަދޫގައި ޤާއިމްކުރާ އިމިގްރޭޝަން އޮފީސް އެޅުމަށް 5000 އަކަ ފޫޓުގެ ބިމެއް ނަގައިގެން އެތަން ތަރައްޤީކޮށް 4 ބުރީ އިމާރާތެއް އެޅުމަށް އިމިގްރޭޝަނުން ބޭނުންވާކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ހާމަކޮށްފައިވެއެވެ. އަދި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހުވަދު އަތޮޅާއި، ތިނަދޫ އަކީ ވަރަށް މުހިންމު ސަރަޙައްދެއް ކަމަށާއި، އިމިގްރޭޝަނުން ބޭނުންވަނީ  ޕާސްޕޯޓްގެ އިތުރުން ވޯކް ވިސާވެސް ހެދުމުގެ އިންތިޒާމްތަށްވެސް އިމިގްރޭޝަން ތިނަދޫ އޮފީހުން ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. މިކަންތައް ވަގުތުން ވަގުތަށް ހަމަޖެހިގެން ނުދިޔަ ނަމަވެސް ކުރިޔަށް އޮތް ކައިރި މުސްތަޤްބަލުގައި މިއިންތިޒާމްތަށް ހަމަޖެހިގެން ދާނެކަމަށެވެ.

ޕޯޓުގެ ކަންތައްތަކުގައިވެސް، އިމިގްރޭޝަންގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީއާއި، ރައީސް އޮފީހުން ގުޅިގެން މަސައްކަތްތަކެއްކޮށް، އިމިގްރޭޝަން 4 މުވައްޒަފުންނާއި އިމިގްރޭޝަން އޮފިސަރަކު ހޯދުމަށް ބަޖެޓުގައި ހިމެނިފައިވާކަމުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ތިނަދޫއަށް ކޮށްފައިވާ މިދަތުރުފުޅަކީ، ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 55 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތިނަދޫ ކައުންސިލްގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އާބާދީ 55 ފާހަގަ ކުރުމަށް ބޭއްވުނު ކުލަގަދަ ރަސްމިއްޔާތުގައި ވައިވެރިވުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރައްވައި، ތިނަދޫއަށް ވަޑައިގެން، ތިނަދޫ ކައުންސިލާއި ބައްދަލުކުރައްވައި، މިފަދަ އުއްމީދީ ޚަބަރެއް ދެއްވީތީ، ކައުންސިލްގެ ފަރާތުން އިމިގްރޭޝަން ކޮންޓްރޯލާއަށް ޝުކުރު އަދާކޮށްފައިވެއެވެ.