ގއ.ގެމަނަފުށީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ބައްދަލު ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ގެމަނަފުށީ ކައުންސިލްގެ މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަޢީދުވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި ކައުންސިލަރުންވަނީ ގެމަނަފުށީގެ ހެލްތް ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ދޭން ފެށުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމުގައި ފާހަގަކުރައްވާ، ސަރުކާރުން އެގޮތަށް ނިންމަވައި ޚިދުމަތް ފޯރޮކޮށްދެން ފެއްޓުމާ ގުޅިގެން އެކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރަމުންއަންނަ މަސައްކަތްތަކާއި ކުރިޔަށްރޭވިފައިވާ ތަރައްޤީގެ ޕްލޭންއާއި، ގެމަނަފުށި ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. އަދި ގެމަނަފުށީ ކައުންސިލުން ވަނީ ސަރުކާރުން ރަށުގެ ތަރައްޤީއަށް ކުރައްވާ ހުރިހާ މަސައްކަތެއްގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ނަރުދަމާގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަން ފާހަގަކުރައްވާ، ފެނުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ތަރައްޤީގެ މަސައްކަތް ކުރާއިރު ރަށުގެ ކައުންސިލުން އެއްބާރުލުން ދެއްވުމަކީ ވަރަށް ރަނގަޅުސިފައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.