ޒަމާނާއި އެއްގޮތަށް ބަދަލުވުން މުހިންމެއް ނޫނެވެ. މުހިންމީ ދީނުގައި އަންގަވާފައިވާގޮތަށް ތިބާގެ އުޅުމާއި ގުޅުން ބަދަލުކުރުމެވެ.
ޒަމާނާއި އެއްގޮތަށް ބަދަލުވުމަކީ ކޮންމެހެން މުހިންމުކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. ފަހުގެ ފެޝަނަށް ހެދުން އެޅުން ބަދަލުކުރުން، އެންމެ ފަހުގެ ބްރޭންޑްތަކުގެ މޯބައިލް ފޯން ގެންގުޅުން، ތާއަބަދު ކޮފީތަކުގައި އުޅުން، ރައްޓެހިންނާއި އެއްކޮށް ރައިޑްތަކަށް ދިޔުން، ޕަބްޖީ ގަޑަކަށް އެރުން، އެހެން ކަމެއް ނެތްނަމަ، ލާރިކޮޅެއް ހަދާލަން ބޯޑަށް އެރުން، ފަދަ ކަންކަމަކީ ފަހުގެ ޖީލުތަކުގެ ޒަމާނީ ލައިފްސްޓައިލްގެ މަދު ސިފަތަކެކެވެ. ޒަމާނީ ގޮތްގޮތަށް ނޫޅޭ މީހަކީ ކަޓު މީހެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ.
މިޒަމާނުގެ އަންހެނުން، ހިގުމުގެ އާދަ ދޫކޮށް، ޒަމާނާއި އެއްގޮތަށް، ފަހުގެ ސްކޫޓީއެއްގައި ރައްޓެހިންނާއި އެކު ހަވީރު ދުއްވާލެވުމަކީ، ލައިފްސްޓައިލްގެ ބަޔެއްގެ ގޮތުގައި ދެކެއެވެ. ސައިކަލް ދުއްވަން ނޭގޭ މީހެއް ނަމަ އެއީ ވަރަށް ކަޓު މީހެކެވެ. އަދި ޚާއްސަކޮށް، ސައިކަލް ދުއްވަން ނޭނގޭ ފިރިހެނެއްނަމަ ބައެއް މީހުންގެ ނަޒަރުން ފިރިހެނަކަށް ނުވެއެވެ. ގްރޭޑް 10 ނިމޭއިރު، ގޭގައި ހުންނަ މުސްކުޅި މާމަޔަށް ލިބޭ 5000 ރުފިޔާއިން ދައްކާގޮތަށްވެސް، ދަރަންޏައް ސައިކަލެއް ނަގައި ދަރިފުޅަށް ދޭންޖެހެއެވެ. ދަރިފުޅުގެ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން އެހެން ގޮތެއް ނެތިގެންނެވެ. ދަރިފުޅުގެ ހުރިހާ ރައްޓެހިން އަތުގައި ސައިކަލް ހުރެފައި އެސޮރު އަތުގައި ސައިކަލެއް ނުހުންނާތި، އެސޮރު ހިތްހަމަ ޖެއްސުމަށެވެ. މިއީ އަހަރަމެންގެ ދިރިއުޅުމުގެ ހާލަތަށް އައިސްފައިވާ ބޮޑެތި ބަދަލުތަކެވެ. ދަރިފުޅު ކިޔާވަރުން، އެސޮރު އަތުގައި ފޯނެއް ނެތިގެން ލޯނެއް ނަގައި އެންމެ ފަހުގެ ފޯނެއްވެސް އެންމެ ފަހުން ގަނެދެވެއެވެ.
ޒަމާނާއި ގުޅިފައިވާ ތަފާތު ބަދަލުތަށް ތާއަބަދު ހުއްޓުމެއްނެތި، އަހަރަމެންގެ ދިރިއުޅުމަށް އަންނަމުން ދާއިރު، ޒަމާނަށް ފެތޭ، ތަހުޒީބު ބަޔެއްގެ ގޮތުގައި އެހެން މީހުންނަށް ދެއްކޭތޯ ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތް ކުރެއެވެ. އުފެދޭ ބޮޑު ސުވާލަކީ، ޒަމާނަށް އަންނަ ކޮންމެ ބަދަލަކަށް އަހަރަމެން ބަދަލުވާން ޖެހޭ ހެއްޔެވެ؟ މިފަދަ ބަދަލުން އަހަރަމެންނަށް ހާޞިލް ކުރެވެނީ ކޮންއެއްޗެއް ހެއްޔެވެ؟
ޒަމާނީ މީހަކަށް ވުމަކުން، ނުވަތަ ފަހުގެ ސްޓައިލް ގެންގުޅުމަކުން ދިރިއުޅުމުން ހާޞިލްކުރެވޭ މާބޮޑު ކަމެއް ނެތެވެ. ޒަމާނާއި އެއްގޮތަށް މީހާ ކޮންމެހެން ބަދަލުވާކަށް ނުޖެހެއެވެ. މުހިންމީ ދީނުގައި އަންގަވައިފައިވާ ގޮތަށް ތިބާގެ އުޅުމާއި ގުޅުން ބައްޓަން ކުރުމެވެ. ޒަމާނުގެ އޮއިވަރުގައި ޖެހި، ޒަމާނަށް ފެތުމަށް މުޅި މީހާ ބަދަލުވެ، ހަލާލެއް ހަރާމެއް ބެލުމެއް ނެތި، ހެއްދެވިހާ ނުބައި ކަމެއްކޮށްގެން އެހެން މީހުންގެ ނަޒަރުން މޮޅު ޒަމާނަށް ފެތޭ ބަޔަކަށް ވުމުގެ މާބޮޑު ބޭނުމެއް ނެތެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމާއި ގުޅުން ބަދަލުކޮށް، ދީނުގެ މަގު އިޚްތިޔާރު ކުރާމީހާ އަކީ ހަމަ ހަޤީޤަތުގައިވެސް ކާމިޔާބު މީހެކެވެ، މުހިންމީ ޒަމާނާއި އެއްގޮތަށް މީހާ ބަދަލެއް ވުމެއް ނޫނެވެ. އެންމެ މާތްކަން ބޮޑީ، ދީނުގެ މަގު އިޚްތިޔާރުކޮށް، ދީނުގައި އަންގަވާފައިވާ ފަދައިން އަމިއްލަ ނަފުސު ބަދަލުކޮށްލުމެވެ.