ޚަބަރު
ތިނަދޫން މީހުން ބޭލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުމަށް ކައުންސިލުން ނިންމައިފި

1962 ވަނަ އަހަރު އޭރުގެ ސަރުކާރުން ތިނަދޫ މީހުން ރަށުން ބާލާ ހިންގި ލާއިންސާނީ އަމަލުގެ ސަބަބުން ތިނަދޫ އަދި ތިނަދޫގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އޮމްބަޑްސް ޕާރސަން އޮފީހަށް ހުށަހެޅުމަށް ތިނަދޫ ކައުންސިލުން ނިންމައިފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ ކައުންސިލުން މިރޭ ބޭއްވި އެކައުންސިލުގެ ހަތަރުވަނަ ދައުރުގެ 2 ވަނަ ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ، 1962 ވަނަ އަހަރު އެއްވެސް ހައްގަކާ ނުލައި އިންސާނީ ކަރާމާތަށް ފުށުއަރާގޮތަށް މީހުން ފޭބުމަށް އަންގައި އެކަމުގެ ސަބަބުން އޭރު ތިނަދޫ އާބާދީގެ ގިނަ އަދަދެއް ވީނުވީއެއްނޭނގި ގެއްލިފައިވުމާއި، އަދި 1966 ވަނަ އަހަރު އަލުން ތިނަދޫގައި މީހުން އާބާދުވުމަށް ސަރުކާރުން ހުއްދަދެއްވުމުން ތިނަދޫގައި މީހުން އާބާދުވިއިރު އިންސާނުން ދިރިއުޅުމަށް ބޭނުންކުރާނެ އެއްވެސް ވަސީލަތަކާއި ފެންނަންނެތި އެހިތްދަތި ދިރިއުޅުމުގެ އަސަރު މިހާރުވެސް ފެންނަން ހުރުމުގެ ސަބަބުން މިކަމާ ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބޭލި މައްސަލަ ތަހުގީގުކޮށްދީ، ތިނަދޫ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުމާ އެކު ތިނަދޫއިން ގެއްލިފައިވާ މުއްސަދިކަން އާރޯ ކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މަޢާފަށް އެދުމާއެކު ތިނަދޫ ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައި ދިނުމަށެވެ.

އަދި މިޤަތުލު ޢާންމުގައި ބައިވެރިވި ފަރާތްތަކުގެ މުދަލާ ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބިދިނުމަށާއި އަދި މާލޭގައި ބިނާކޮށްފައި ހުރި ވެލާނާގޭގެ ނަން ގދ.ތެނަދޫ ވެލާނާގޭގެ ނަމަށް ބަދަލުކޮށްދެއްވުމަށް އެދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސް ޕާރސަންގެ އޮފީހަށް ހުށަހެޅުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ތިނަދޫ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ.

ތިނަދޫއަކީ 1962 ވަނަ އަހަރު ދިވެހި ސަރުކާރުން ލާއިންސާނީ ގޮތަކަށް ތިނަދޫ ރައްޔިތުންގެ މުދާތަކާއި ގެދޮރު ހަލާކުކޮށްލާ، ތިނަދޫ އެތަކެއް ރައްޔިތުންނެއް އަމިއްލަ ވަޒަން ދޫކޮށް ދާނެ އެއްވެސް ގޮތެއް ދާނެ ވަކި  ތަނެއް ނުދައްކާ ބޭރުކޮށްލާފައިވާ ރަށެކެެވެ. އަދި ތިނަދޫ ރައްޔިތުންގެ މުދާ ފޭރިގަނެ އެތަކެއްޗަށް މިހާތަނަށްވެސް އެއްވެސް ބަދަލެއް ލިބިފައިނުވެއެވެ.

Comment

  1. ފަރަގު

    ޢޮއްޓަރެއް ހުރި ބަދަލެއްގެވާހަކައެއްނެތް.