ޚަބަރު
ގެމަނަފުށީ ސިއްހީމަރުކަޒު 24 ގަޑިއިރަށް ބަދަލުކުރިފަހުން ޑޮކްޓަރަށް ނުދެއްކިގެން ނުރުހުން ފާޅުކޮށްފި

ގއ ގެމަނަފުށި ސިއްހީމަރުކަޒު 24 ގަޑިއިރަށް ބަދަލުކުރިފަހުން ބަލިމީހަކު ޑޮކްޓަރަށް ދައްކަން ދިޔުމުން ނުދެއްކުނު މައްސަލައިގައި ބަޔަކު ނުރުހުން ފާޅުކޮށްފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން އެރަށުން ވާހަކަދެއްކި މީހަކު ބުނީ، މިރޭ ގެމަނަފުށި ސިއްހީމަރުކަޒަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހުންނަށް ގަޑިދެގަޑިއިރުވީ އިރުވެސް ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަޖެހިގެން ނުދިޔަ ކަމަށާއި، ސަރުކާރުން މިކަން ކުރައްވަނީ ކަނޑަޖަހާ އުސޫލުން ކަަމަށެވެ.

މިކަމާ ގުޅިގެން ގެމަނަފުށި ސިއްހީމަރުކަޒު ވަގުތީގޮތުން ހިންގުމާ ހަވާލުވެހުންނެވި، އަހުމަދު މުއާޒްއަށް ހުވަދޫ ނިއުސް އިން ގުޅާލުމުން ވިދާޅުވީ، މިރޭ ޑޮކްޓަރަށް ދައްކަން ކިއުގައި ތިބި ފަރާތްތަކަށް ޑޮކްޓަރ ބެލުން ލަސްވެގެން ދިޔަ ކަމަށާއި، އެކަން އެގޮތަށް ދިމާވީ އޭރު ޑިއުޓީގައި ހުރި ޑޮކްޓަރު އެމަޖެންސީ ބަލި މީހަކު ބަލަމުންދިއުމުން ކަމަށެވެ. ނަމަވެސް އެކަން ހައްލުކުރުމަށް ފަހުން އޮފްޑިއުޓީގައި ހުންނެވި ޑޮކްޓަރު ޑިއުޓީއަށް ނެރެގެން ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ހަމަޖައްސާފައިވާ ކަމަށެވެ.

“ޑޮކްޓަރަށް ނުދެއްކި ލަސްވެގެން ދިއުމުގެ ސަބަބުން މިރޭ ބަޔަކު ނުރުހުން ފާޅުކުރި. އެކަން އެހެން ދިމާވީ އެގަޑީގައި އެއް ޑޮކްޓަރު ޑިއުޓިގައި ހުރުމުން. މިގޮތަށް ކުއްލިއަކަށް 24 ގަޑިއިރަށް ބަދަލުކުރުމުން ބައެއް ދަތިތައް ހުންނާނެ. ކުރިއަށް އޮތްތަނުގަ އެކަންތައް ހައްލުވެގެންދާނެ.” މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، 24 ގަޑިއިރަށް ބަދަލުކުރުމުން ކުރިން ބަންދު ގަޑިތަކުގައި ޑޮކްޓަރަށް ދެއްކުމަށް ގުޅައިގެން ގިނައިރު ވެގެންދާއިރުވެސް ޑޮކްޓަރ އަށް އައުން ލަސްވެގެން ބަލިމީހުންނަށް ދިމާވަމުންދިޔަ އުނދަގޫތައް މިހާރު ނުވާނެ ކަމަށާއި، 24 ގަޑިއިރަށް ބަދަލުކުރުމުން އަބަދުވެސް ސިއްހީމަރުކަޒުން ހިދުމަތް ލިބޭނެ ކަމަށެވެ.

ގެމަނަފުށީ ސިއްހީމަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށްފަހު 3 ޑިއުޓީ އަކަށް ބަހާލައިގެން ހިދުމަތްދިނުން ހަމަޖައްސާފައިވަނީ މިއަދުން ފެށިގެންނެވެ. އޭގެ ކުރިން އެރަށުގެ ސިއްޙީމަރުކަޒުން ހިދުމަތް ދެމުންގެންދިޔައީ 16 ގަޑިއިރަށެވެ.

Comment

  1. ހިނިއަންނަނީ