ބިދޭސީންގެ މައްސަލަ ހައްލުނުވެއްޖެނަމަ އިސްތިއުފާ ދޭނެކަމަށް ވިދާޅުވި ނަމަވެސް އަހަރެއްގެ ތެރޭގައި އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވެފައިވަނީ މިއަދުގެ ރައްޔިތންގެ މަޖުލީހުގެ ޖަލްސާއަށް ހާޒިރުވެ ހުންނަވައިގެންނެވެ. ކިތައް ބިދޭސީން ރާއްޖޭގައި ގަވާއިދުންނާއި، ނުގަވާއިދުން މަސައްކަތްކުރަމުންދޭތޯ އާއި ބަންގްލަދޭޝްގެ ކިތައް ރައްޔިތުން ރާއްޖޭގައި މަސައްކަތްކުރޭތޯ ސާފުކުރުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލާއި ގުޅިގެން ފައްޔާޒު ވަނީ މިއަދުގެ މަޖުލީހަށް ހާޒިރުކޮށްފައެވެ.
މިއަދުގެ ތަޅުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ ބިދޭސީންގެ މައްސަލަ އަހަރެއް ތެރޭ ހައްލު ނުވެއްޖެ ނަމަ އިސްތިއުފާ ދޭނެ ކަމަށް ފައްޔާޒް ވިދާޅުވެފައިވާއިރު އިސްތިއުފާ ނުދެއްވީ ކީއްވެގެންތޯއެވެ.
މިސުވާލަށް ޖަވާބުދާރީވަމުން މިނިސްޓަރ ވިދާޅުވީ އިސްތިއުފާދޭނެ ކަމަށް ވިދާޅުވީ އެ މައްސަލަ ހައްލު ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ކަމަށާއި، އެހެންނަމަވެސް އަހަރެއްގެ ތެރޭގައި އިސްތިއުފާ ދެއްވާނެ ކަމަށް ވިދާލުވެފައި ނުވާނެ ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ގެންގުޅޭ ސިސްޓަމް އަދިވެސް އެންމެ ހިތްހަމަޖެހޭ ވަރަށް ކުރިއެރުވިފައި ނުވާ ކަމަށައި އޮންލައިން ރިޕޯޓެއް ތައްޔާރުކޮށްލެވޭނެ ފެންވަރު އެ ސިސްޓަމްގައި ނެތް ކަމަށެވެ.
ދެލައްކަ އަށްޑިހަ އެއްހާސް ބިދޭސީން ތިބި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާއިރު ބަންގްލަދޭޝްގެ ފަސްދޮޅަސް ތިން ހާސް ހަތްސަތޭކަ ފަންސާސް ހަތަރު ފަރާތެއް ތިބި ކަމަށާއި އެހެންނަމަވެސް ކުރިން ރެކޯޑްތައް ބެލެހެއްޓިގޮތުން ބިދޭސިން އައި ތާރީހާއި، ބިދޭސީން އަނބުރާ ގައުމަށް ދިޔަކަން ނޭނގޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކުރިން އޮތް ލިސްޓުގައި ހަތްދިހަ ހާހެއްހާ މީހުން ތިބި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސިން ހޯދާ އެމީހުންގެ ޤައުމަށް އަބުރާ ފޮނުވާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް މިނިސްޓަރ ވަނީ ހާމަކޮށްފައެވެ.