ބަރަހަނާ ވީޑިއޯ އާންމުކުރި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 36 އަހަރުގެ މުހައްމަދު ނަބީލު (ޔާޔާ) އޭނާ މައްޗައް ކޮށްފައިވާ ތުހުމަތު ތަކަށް އިންކާރު ކޮށްފިއެވެ.
އޭނާއަށް ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ ބަރަހަނާކޮށް ޓިކްޓޮކް ވީޑިއޯ ހަދާފައިނުވާނެ ކަމަށާއި އެ ވީޑިއޯއަކީ އޭނާ ބޭޒާރުކޮށްލުމަށް، ބަޔަކު އޭނާގެ މޫނު ބޭނުންކޮށްގެން ހަދައިގެން އުޅޭ ވީޑިއޯއެއް ކަމަށް ކޯޓުގައި ބުނުފައެވެ.
އޭނާ ބުނި ގޮތުގައި ޓިކްޓޮކަށް ތިން މިނެޓުގެ ވީޑިއޯ ނުލެވޭ ކަމަށާއި ލެވެނީ 60 ސިކުންތުގެ ވީޑިއޯ ކަމަށެވެ.
ޝަރީއަތުގައި ފުލުހުން ވަނީ ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށް ބުނެފައެވެ.
ނަބީލް ވަނީ އޭނާ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އުފައްދާފައި ވާނެކަމަށް އިއުތިރާފްވެފައިވެއެވެ. އަދި މިހާރު ހުރީ ވަރަށްބޮޑަށް ބޭޒާރުވެފައިކަމަށާއި މަގުމަތީގައިވެސް ނޫޅެވޭކަމަށާއި އޭނާއަށް މަރުގެ އިންޒާރު ދީފައިވާކަމަށްވެސް ކޯޓުގައި ނަބީލް ބުނެފައިވެއެވެ.
މީސް މީޑިއާއަށް ބަރަހަނާ ވީޑިއޯ އާންމުކުރި މައްސަލައިގައި ނަބީލް ހައްޔަރު ކުރީ މި ހަފްތާ ތެރޭގައެވެ.