ހުޅުމާލެ ޖަލުގައި 3 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދިޔަ ގދ ވާދޫ މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ ގާތްގަނޑަކަށް 6:00 އެހާކަންހާއިރު އޭނާ ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ހޮސްޕިޓަލުން ބެލުމަށްފަހު މިރޭ 20:23 ގައި އޭނާ ނިޔާވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުހުކުމެއް ތަންފީޒުކުރަމުންދިޔަ ފަރާތެކެވެ. ނިޔާވިއިރު އޭނާއަކީ ބޮޑުބައްޔަކަށް ފަރުވާކުރަމުންދިޔަ މީހެއް ނޫންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ނިޔާވެފައިވަނީ ގދ ވާދޫ/ ޖަނަވަރީގެ މުހައްމަދު އަސްލަމް 40އ އެވެ. އޭނާ ނިޔާވުމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށްވެސް އަންގާފައެވެ.
މައްޔިތާގެ ޖަނާޒާގެ ކަންތައް އާއިލާއާ ގުޅިގެން މިހާރު ކުރިއަށްގެންދާ ކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތުދީފައިވެއެވެ.