ޚަބަރު
ކައުންސިލް މެމްބަރެއްގެ މުސާރަ ކައުންސިލް ރައީސް އަށް ނުހިފެހެއްޓޭނެ- އެލްޖީއޭ

ކައުންސިލް މެމްބަރެއްގެ މުސާރަ ކައުންސިލްގެ ރައީސަށް ނުހިފެހެއްޓޭނެ ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގދ ތިނަދޫ ކައުންސިލަށް އަންގައިފިއެވެ.

އެލްޖީއޭއިން މިގޮތަށް އަންގަވާފައިވަނީ ތިނަދޫ ކައުންސިލްގެ މެމްބަރެއް ކަމަށްވާ މުހައްމަދު ޒަލީފް އަބްދުﷲ ގެ އޮގަސްޓް މަހުގެ މުސާރަ ތިނަދޫ ކައުންސިލްގެ ރައީސް އަންގަވައިގެން ހިފައްޓާފައިވާތީ، އެމައްސަލައާ ގުޅިގެން ކައުންސިލް މެމްބަރު ޒަލީފް ޖައްސާފައިވާ މައްސަލައެއްގައެވެ.

މިކަން އަންގައި އެލްޖީއޭއިން ތިނަދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކައުންސިލަރުންގެ މުސާރައާއި އިނާޔަތަކީ ވަކިމިންވަރެއް ކަނޑައެޅިގެން ދެވޭ އެއްޗަކަށްވާއިރު އެޓެންޑެންސް ޝީޓެއްގެ ސަބަބުން މުސާރައަށް ބަދަލެއް އަތުވެދާނެ ކަމަށް ނުފެންނަ ކަމަށާޢި، އަދި އެފަދަ ކަމަކާއި ހުރެވެސް އެއްވެސް ފަރާތެއްގެ މުސާރައާއި އިނާޔަތް ކައުންސިލް ރައީސަށް ނުހިފެހެއްޓޭނެ ކަމަށެވެ.

އަދި ކައުންސިލަރުންގެ ހާޒިރީއާއި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ގަޑިއަށް ހާޒިރުވާ ފަރާތްތައް ނޯޓުކޮށް ބެލެހެއްޓުމާއި އެފަރާތްތަކުން ހާޒިރީގައި ސޮއިކުރުމާއި އެކަންކަން ކަށަވަރުކުރުމަކީ އިދާރީ އިންތިޒާމުގެ ތެރެއިން ވަކި މުވައްޒިފަކު ޖާމިނުވާ އަދި އެންމެ އިސް އިދާރީ މުވައްޒަފު ކަށަވަރުކުރައްވާ ކަމަަކަށް ވާތީ އެފަރާތްތަކުން އެކަންކަން ކަށަވަރުކުރައްވާ ހާޒިރީ ފައިނަލް ކުރެއްވުމުން ކައުންސިލްގެ ރައީސަށް މުވައްޒަފެއްގެ މުސާރަ ހިފެހެއްޓިދާނެކަމަށް ނުދެކޭ ކަމަށްވެސް އެލްޖީއޭއިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

އެގޮތުން ޒަލީފްގެ ހިފައްޓާފައިވާ އޮގަސްޓް މަހުގެ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން ހާޒިރުވެފައިވާ ދުވަސްތަކުގެ މުސާރައާއި އިނާޔަތްތައް ޒަލީފްއަށް ދޫކުރުމަށް އެލްޖީއޭއިން ވަނީ ތިނަދޫ ކައުންސިލްގެ ރައީސް އަށް އަންގަވާފައެވެ. އަދި ހާޒިރީ ކަންކަމުގައާއި އެނޫންވެސް ކައުންސިލަރުންގެ ކަންކަން ތަފާތުކުރުމެއް ނެތި ސުލްހަވެރިކަމާއެކު ހައްލުުކުރުމަށް މަސައްކަތް ކުރުމަށް ތިނަދޫ ކައުންސިލް އިދާރާގެ އެންމެހާ ކައުންސިލަރުންނަށާއި ކައުންސިލް އިދާރާއަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.

މިކަމާގުޅިގެން ތިނަދޫ ކައުންިސލްގެ ރައީސް ސައުދު އަލީ އަށް ގުޅާލުމުން ވިދާޅުވީ، އެލްޖީއޭއިން ލިބިފައިވާ ސިޓީއަކީ ކައުންސިލުން އެދިފައިވާ ލަފާ އަކަށް ދެއްވާފައިވާ ޖަވާބެއް ކަމަށާޢި، ސިޓީ ލިބުމުގެ ކުރިންވެސް ކައުންސިލް މެމްބަރުގެ މުސާރަ ވަނީ އެމެމްބަރަށް ދީފައި ކަމަށެވެ. އެގޮތުން މުސާރަ ދެވިފައިވަނީ، ސިސްޓަމުން ދައްކާ ގޮތަށް ދޭން ޖެހޭ މުސާރަ ކަމަށާއި އެއީ މުސާރަ ދިނުމުގައި ކަނޑައެޅިފައި އޮންނަ ގޮތްކަމަށެވެ. މުސާރަ ޝީޓެއްގައި ސޮއިކޮށް ހުށަހަޅާފައިވާ ގޮތަށް މުސާރަ ނުދެވި ވަނީ އެމައްސަލަ އަކީ އޭސީސީއަށް ހުށަހެޅިފައިވާ މައްސަލައަކަށްވާތީ އެމައްސަލަ އޭސީސީއިން ވަކިގޮތެއް އަންގަންދެން ކަމަށެވެ.

Comment

  1. މަންތިރި

    އެއްވެސް މުވައްޒަފެއްގެ މުސާރަ ދިނުމާ ގުޅޭ ކަމެއް އޭސީސީ އަށް ހުށަހެޅުމަކީ އަލަށް ވުޖޫދުވި ކަމެއް. މުސާރަ ދިނީ ޒަލީފް ގެ (ކޮންކަމެއްކަމެއް ނޭނގެ) މައްސަލަ އޭސީސީން ނިންމީމަކަމެއްވެއްވެސް ތިޔަ ކައުންސިލް ރައީސް ގެ ވާހަކައިން ސާފެއް ނޫވޭ