ޚަބަރު
ޖަލުގައި މީހަކު މަރުވުމަކީ އެމްޑީޕީއަށް ސަމާސާ ކަމެއް ނޫން : ހަސަން ލަތީފް

ޖަލެއްގައި މީހަކު މަރުވުން ނުވަތަ އަނިޔާ ކުރުމަކީ އެމްޑީޕީއަށް ސަމާސާ ކަމެއް ނޫންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ޖަލުގައި ގައިދީއެއް މަރުވި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހެޅުމުން ދެއްކެވި ވާހަކައިގައި ހަސަން ލަތީފް ވިދާޅުވީ އެ މަރުގެ ވާހަކައަށްފަހު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަރާބަރަށް ހިއުމަން ރައިޓްސް ކޮމިޝަނުން މި މައްސަލައިގައި އަމަލު ކޮށްފައިވާގޮތް ބަލަމުން އައިސްފައިވާކަމަށެވެ.

ހަސަން ވިދާޅުވީ، ރޭ 09:09 ގައި ހިއުމަން ރައިޓްސް ކޮމިޝަނުން ހުޅުމާޅެ ޖަލަށް ޒިޔާރާތްކުރި ކަމަށާއި، އަދި އެތަނުގެ ކެމެރާތަކާއި، ގައިދީ އޮތް ގޮޅިއާއި މެޑިކަލް ފައިލް ބަލާ އަދި އެތަނުގައި ތިބި އިތުރު ގައިދީންނާ ވާހަކަ ދައްކާފައިވާކަމަށެވެ. އަދި އޭގެފަހުން ވެސް ދެވަނަ ފަހަރަށް ރޭ ހިއުމަން ރައިޓްސް ކޮމިޝަނުން ޖަލަށް ގޮސް އިތުރު ކަންކަން ސާފުކުރި ކަމަށާއި، އަސްލަމްގެ ހަށިގަނޑު ޗެކްކޮށް ޑޮކްޓަރުންނާވެސް ވާހަކަ ދައްކާފައިވާކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވި މި މައްސަލަ ފުލުހުން ތަހުގީގު ކުރަންޖެހޭކަމަށާއި، ފުލުހުން މި މައްސަލަ ތަހުގީގު ނުކުރާނަމަ އެކަން މަޖިލީހުގެ 241 ކޮމިޓީންވެސް ބަލާނެކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ނިޔާވެފައި ވަނީ ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމް (40)، އެވެ. ހުޅުމާލެ ޖަލުގައި އަނިޔާކޮށް މަރާލިކަމަށް އޭނާގެ އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.