ގދ ތިނަދޫއިން މިއަދު ކޮވިޑް-19 ފައްސިވީ އެރަށުގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި ފަރާތެކެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން މިރޭ ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި އެރަށުން މިއަދު 1 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އަދި ބަލިން ފަސޭހަވެފައިވަނީ 24 ފަރާތެކެވެ. އެއާއެކު އެރަށުގައި މިވަގުތު ބަލިޖެހިފައިވާ މީހުންގެ އަދަދަކީ 222 އެވެ.
އިއްޔެއާއި މިއަދު އެރަށުން ޖުމްލަ 92 ސުންކު ނަގާފައިވާއިރު، އެއްވެސް ސުންކެއްގެ ނަތީޖާ ލިބިފައި ނުވެއެވެ.
ގދ ތިނަދޫއިން މިފަހަކުން އައިސް ކޮވިޑްގެ ވޭދަނަ ތަކެއްފެނި އެރަށުން ޖުމްލަ ވަނީ 830 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގޮތުން އެރަށުން ޖުމްލަ 606 ފަރާތެއް ބަލިން ފަސޭހަވެފައިވާއިރު، ކޮވިޑް ބަލީގައި ފަރުވާދެމުންދަނިކޮށް އެރަށުގައި ހުންނަ ގދ އަތޮޅު ކޮވިޑް ފެސިލިޓީގައި 3 މީހަކުވަނީ ނިޔާވެފައެވެ.
ކޮވިޑް-19 އަށް ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް 3808 ފަރާތެއް ޖަހާފައިވާއިރު، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 2375 ފަރާތެކެވެ.
ތިނަދޫގައި ބަލި ކޮންޓްރޯލް ނުވެ ގިނަދުވަސްވަމުންދާތީ އެރަށުގައިވަނީ 12 ގަޑިއިރު ކާފިއު ހިންގުމުގެ އިތުރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.