ބޯކޮށް ވާރޭ ވެހި ހޯނޑެއްދޫ ގައި ފެންބޮޑުވެ 180 ދަނޑުބިމަށް ގެއްލުން ވެއްޖެއެވެ.
“ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ހޯނޑެއްދޫ ރައީސް ހުސައިން ވާރިޝް ވިދާޅުވީ ރޭ ދަންވަރުން ފެށިގެން ހުއްޓާ ނުލާ މިއަދު ހެނދުނު 10 ޖަހަންދެން ވާރޭ ވެހުމުގެ ސަބަބުން ރަށުގެ ހުރިހާ ގޮވާން ދަނޑުތައް އެއްކޮށް ފެން ބޮޑު ވެފައިވާ ކަމަށެވެ. އަދި 180 ވަރަކަށް ދަނޑުގައި ހަދާފައި ހުރި ތަރުކާރީ އާއި މޭވާތައް ހަލާކުވެ ގަސްތަކަށް ގެއްލުން ވެފައިވާ ކަމަށްވެސް ރައީސް ވާރިޝް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވާރިޝް ވިދާޅުވީ ދަނޑު ތަކުގައި ފެންބޮޑުވުމުން ރައްޔިތުން ގުޅިގެން މަސައްކަތްކޮށް މިހާރު ވަނީ ޕަމްޕު ޖަހައިގެން ފެންގަނޑު ހިނދާލާފައިކަމަށެވެ.
“މިގޮތަށް ގިނަ އިރު ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު ދަނޑު ތަކަށް ބޮޑެތި ގެއްލުންވެ ރަށުގެ ދަނޑުވެރިކަން ދަށްވެ އާމްދަނީ އެއްކޮށް ނެތިވެދޭ. މި ރަށަކީ ދަނޑުވެރި ރަށެއް. ދަނޑު ތަކަށް ދިމާވާ މި މައްސަލަ އަކީ ޙައްލު ކުރަން ޖެހިފައިވާ ކަމެއް…” – ހޯނޑެއްދޫ ރައީސް ހުސައިން ވާރިޝް
ރައީސް ވާރިޝް އިތުރަށް ވިދާޅުވީ ރޭގެ ވަގުތެއްގައި ވެހެން ފެށި ވާރޭގައި ރަށުގެ މަގުތަކާ ގޯތި ގެދޮރުގައި ފެންބޮޑުވެ ހިފާގެންގުޅޭ ސާމާނަށްވެސް ގެއްލުން ވެފައިވާކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މި ކުރި ވިއްސާރައިގައި ހުވަދު އަތޮޅުގެ ގިނަ ރަށްތަކުގައި ފެން ބޮޑުވެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބުނުކަން ފާހަގަ ކޮށްލެވެއެވެ.