ބަނގުރާ ފުޅިތަކަކާއެކު ގދ ފަރެސްމާތޮޑާއިން ބަނގުރާ ފުޅިތަކަކާ އެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފަރެސްމާތޮޑާއަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ފަރެސްމާތޮޑާގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މި ސެޕްޓެމްބަރު މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެރަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެއް ކަމަށާއި، މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ. އެގޮތުން އެމީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު އެމީހުންގެ އަތުން ދެ ކޭސް ބަނގުރާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަަހުގީގު ކުރަމުންނެވެ.