ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ދެކެވުނު ވާހަކަ ދޮގުކޮށްފިއެވެ.
ފުލުހުން މިގޮތަށް ބުނެފައިވަނީ، ތ. ވޭމަންޑޫގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ، މިފަދަ މައްސަލައެއް އަދި އަނިޔާ ކުރި ކަމުގެ ޝަކުވާއެއް ޖެންޑާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ، ތ. ވޭމަންޑޫ ކުޑަކުދިން ހިޔާގައި އުޅޭ ކުދިންތަކެއް މިމަހު 12 ވަނަ ދުވަހުގެ ރޭ 10:30ގެ ފަހުން ބޭރުގައި އުޅޭ ކަމަށް މައުލޫމާތު ލިބުމުން އެކުދިން އަނބުރާ ހިޔާއަށް ގެންގޮސް ދިނުމަށް ތ. އަތޮޅު ޖެންޑާ އިން ފުލުހުން ކިބައިން އެދުމުން އެކުދިން ހިޔާއަށް ގެންދިއުމަށް ވޭމަންޑޫ ޕޮލިސް އިން އެހީތެރިވެ ދިން ކަމަށެވެ.
އެކުދިން އަނބުރާ ހިޔާއަށް ގެންދިއުމުގެ ތެރޭގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް އަޑުއެރި ނަމަވެސް ފުލުހުން މީގެ ކުރިން ވެސް ވަނީ އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމުގެ ޝަކުވާއެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ބުނެފައެވެ.