ޚަބަރު
މިފަހަރުވެސް އީސީގެ ރައީސަކަށް ފުއާދު ތައުފީގް

އިލެކްޝަން ކޮމިޝަނުގެ ރައީސްގެ މަޤާމަށް އެކޮމިޝަނުގެ މެމްބަރ ފުޢާދު ތައުފީގް އައްޔަންކޮށްފިއެެވެ.

ފުއާދު ތަޢުފީގް ރައީސްގެ މަޤާމަށް އައްޔަން ކުރެވިފައިވަނީ، އިލެކްޝަން ކޮމިޝަނުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އީސީގެ ރައީސް ކަމަށް ފުއާދު ދެވަނަ ފަހަރަށް މި އިންތިހާބުކުރީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު މިދިޔަ ޖޫން 15 ގައި އިސްތިއުފާ ދެއްވުމުންނެވެ. ޝަރީފް އިސްތިއުފާ ދެއްވީ މަގާމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް ގަބޫލު ކުރެއްވޭތީ އާއި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

އީސީގެ މެމްބަރު ކަމަށް ފުއާދު އެންމެ ފަހުން އައްޔަން ކުރެއްވީ ނޮވެމްބަރު 24، 2019 ގަ އެވެ. އޭނާ މެމްބަރު ކަމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ 70 މެމްބަރުން ތާއީދާ އެކު، ރުހުން ލިބިގެންނެވެ. ފުއާދު އައްޔަން ކުރަން މަޖިލިހުން ރުހުން ދީފައި ވަނީ އެ ކޮމިޝަނުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އެ ކޮމިޝަންގެ ރައީސް ކަމުން ފުއާދު ކުރިން ވަކިކުރީ ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން މައްސަލައެއް ބަލައި އިއްވި ހުކުމަކަށް ފަަހު އެވެ. އެ ފަހަރު، ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އަދި ފުއާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ. އެކަމަކު ޖަލު ހުކުމް ތަންފީޒު ކުރައްވާކަށް ޖެހިވަޑައެއް ނުގަތެވެ.

Comment