ޚަބަރު
އިސްލާމިކް މިނިސްޓްރީގެ ދަރުސް ޕްރޮގްރާމެއް މާދަމާ ތިނަދޫގައި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ބާއްވާ “ދަރުސް ޕްރޮގްރާމް”ގެ ދަށުން ގދ.ތިނަދޫގައި މާދަމާ ދަރުސް ދިނުން އޮންނާނެއެވެ.

މާދަމާ ރޭ މަޤުރިބް ނަމާދަށްފަހު މަސްޖިދުއް ތަޤްވާ (އޭސީ މިސްކިތު)ގައި ބާއްވަން ހަމަޖެހިފައިވާ މިދަރުސް ދެއްވާނީ އައްޝެއިޚް ނިމާލް މުހައްމަދުއެވެ.

ތައުހީދު އާއި ދީނީ ވާޖިބްތައް އަދާކުރުމުގެ މުހިންމު ކަމުގެ އިތުރުން އެވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ފައިދާތަކާއި ބެހޭގޮތުން މިދަރުސްގައި ވާހަކަފުޅު ދައްކަވާނެއެވެ.

“ހުވަދޫ ނިއުސް” އަށް މައުލޫމާތުދެއްވަމުން ތިނަދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މިއީ ތިނަދޫ ކައުންސިލާއި ގދ.އަތޮޅު ތައުލީމީ މަރުކަޒާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބާއްވާ ދަރުސެއް ކަމަށާއި މިދަރުސްގައި ސްކޫލްގެ ދަރިވަރުންނާއި ބެލެނެވެރިންގެ އިތުރުން އާންމުންނަށް ބައިވެރި ވެވޭނެ ކަމަށެވެ.

ސްކޫލްކުދިންނަށް ހާއްސަކޮށް ބާއްވާ ދަރުސްއެއް ހޮނިހިރު ދުވަހު ހެދުނު ތައުލީމް މަރުކަޒުގައި އޮންނާނެކަމަށް މައުލޫމާތުދީފައިވެއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު އިސްލާމް ދީނުގެ ވާޖިބްތަކަށް ހުރުމަތްތެރިކޮށް ހިތާ ދީނީ ކަންތައްތައް ފަހުގެ ޖީލުތަކާ ހަމަޔަށް ފޯރުކޮށްދޭންޖެހެއެވެ. އެގޮތުން ސްކޫލް ދައުރުންފެށިގެން އެކުދިން ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުވަން އެބަޖެހެއެވެ. އިސްލާމްދީނާއި ބެހޭގޮތުން ސްކޫލްކުދިންނަށް މައުލޫމާތު ފޯރުކޮށްދީ ދީނާމެދު އެކުދިން މިއަދަށްވުރެވެސް ހޭލުންތެރިކުރުވަން އިސްލާމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

އެހެންކަމުން ރައްޔިތުން ދީނީ ކަންކަމުގައި ހޭލުންތެރިކުރުވައި، ދީނީ ކަންތައްތައް ކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ދަރުސް ބާއްވަމުންނެވެ. ކޮވިޑް-19ގެ ނުރައްކާތެރި ހާލަތާއި ގުޅިގެން މި ޕްރޮގްރާމް މެދުކަނޑާލާފައި އޮތުމަށްފަހު އަނެއްކާވެސް ދަރުސް ޕްރޮގްރާމްތައް އިސްލާމިކް މިނިސްޓްރީން މިދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައްވަމުންނެވެ.

Comment