މާފުށީ ރައްޔިތުންގެ އެދުމުގެމަތިން, އިތުރު ދެ ހެކްޓަރު ބިން ހިއްކައި ޕިކްނިކް އައިލެންޑެއް ހެދުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން މާލެ އަތޮޅު މާފުއްޓާއި, ހިންމަފުއްޓާއި އަދި ގުރައިދޫގައި ހިންގަމުން ގެންދާ ޕްރޮޖެކްޓްތައް ބައްލަވާލެއްވުމަށް ބުރާސްފަތި ދުވަހު އެ ކުންފުނީގެ ސީއީއޯ އާދަމް ޢާޒިމް އެ ރަށްތަކަށް ދަތުރުކުރައްވާފައިވާއިރު، މި ދަތުރުފުޅުގައި ޢާޒިމް ވަނީ މި ތިން ރަށުގެ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.
މާފުށީގައި އެމްޓީސީސީން ކުރިޔަށް ގެންދަނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިންހިއްކުމާއި، 1،100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
އާޒިމް ވިދާޅުވީ، މާފުށީގެ 25 ހެކްޓަރުގެ ބިން މި މަހުގެ ނިޔަލަށް ނިމިގެންދާނެ ކަމަށެވެ. އެކަމަކު އޭގެ އިތުރުން 2 ހެކްޓަރުގެ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ އީއައިއޭ ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އީއައިއޭގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މާފުށީ ކައުންސިލްގެ ރައީސް ޙަސަން ޞަލާޙް މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވާގޮތުގައި, ކޮވިޑުގެ ދަތި ހާލުގައި ވެސް މި ސަރުކާރުން ގިނަ ޕްރޮޖެކްޓްތަކެއް މާފުށީގައި ހިންގާފައިވާ ކަމަށެވެ. މާފުއްޓަކީ ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެއް ކަމަށާއި، މާފުށީގެ ލޭންޑްޔޫސް ޕްލޭން ނިމުނުހާ އަވަހަށް ހިއްކުނު ބިމުން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.