ދެކުނުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކުރުމަށް ގޮވާލާ އައްޑޫގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
މުޒާހަރާގެ ބައިވެރިއެއް ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުޑަކުއްޖަކާ ބެހުނު މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރު ކުރުމަށް ގޮވާލާ އައްޑޫގައި މުޒާހަރާ ކުރަމުންދަނީ އެމައްސަލަ ފެންމަތިވެ މިއަދާ ހަމައަށް އައި އިރުވެސް ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރު ކޮށްފައިނުވާތީއެވެ.
އަދި މުޒާހަރާގެ ތެރޭގައި ފުލުހުން ކުއްލިއަކަށް އައިސް މުޒާހަރާގެ ބައިވެރިންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހައި އަނިޔާކޮށްފައިވާ ކަމަށްވެސް އެމީހާ ބުންޏެވެ. އަދި އެކަމުގައި ހިގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ފުލުހުންނަށް ވެސް އަނިޔާވެފައިވާ ކަމަށްވެސް އޭނާ މައުލޫމާތު ދިނެވެ.
“ކުޑަކުއްޖަކަށް އިތުބާރު ހުރި މަގާމެއްގަހުރެ ފުލުހެއް އެގޮތަށް ކަންތައް ކުރުމުން މުޖުތަމައު ތެރެއަށް ދޫކޮށްލެވިގެން ނުވާނެ. އޭނާ ހައްޔަރުކޮށްގެން ނޫނީ މިކަމެއް ނުހުއްޓޭނެ. އެކަހަލަ މީހުންނަކީ އެންމެނަށް ހުރި ބޮޑު ބިރެއް. ދޫކޮށްލުމުން ދެން އަނިޔާދޭނީ ކާކުގެ ދަރިއަކަށް ކަމެއް ނޭނގޭ. މިފަދަ ކަންތަކާ ދެކޮޅަށް ރައްޔިތުން ނުކުމެ އަޑު އުފުލުމުން ފުލުހުން ރައްޔިތުންނަށް އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.” ހުވަދޫ ނިއުސް އަށް މައުލޫމާތު ދެެއްވަމުން މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތުވާ ފުލުސް މީހާ ދިރިއުޅޭ ގެ ކައިރީ “ހައްޔަރުކުރޭ” ނަމުގައި މިއަދު ހަވީރުން ފެށިގެން ކުރަމުންދާ މުޒާހަރާ ހުއްޓާލާނީ ފުލުހުން އޭނާ ހައްޔަރު ކުރުމުން ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.
16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ އެކުއްޖާގެ ބޮޑުދައިތަ އިނދެގެން އުޅޭ ފުލުސް މީހާއަށެވެ. އެކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން އޭނާ އެކުއްޖާ އަށް ޖިންސީ ގޯނާކުރާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.