“ނަބީލް!”
ޑައިރީގެ ފަހުސޮފްހާ ކިޔާނިމުނުއިރު ރަޔާން ހުރީ ފެންކަޅިވެފައެވެ. ބަސްހުއްޓިފައެވެ. މަޑުފިޔަވަޅުތަކެއް އަޅަމުންގޮސް ހުއްޓުނީ ކުޑަދޮރުކައިރިއަށެވެ. ކުރިމަތިން ފެންނަން އެހެރަ ކަޑައަކީ ނަބީލް އާއި އާނާ އަބަދުހެން ގޮސް ތިބޭ ތަނެކެވެ. މިއަދުވެސް އެތާގެ މޭޒެއްކައިރީ އާނާ އާއި ނަބީލް ހީސަމާސާކުރަން ތިބިހެން ރަޔާންއަށް ހީވިކަހަލައެވެ.
3 އަހަރު ފަހުން
“ބައްޕީ! ދެންތެދުވެބަ. މަންމި އެބަގޮވާ!” ކުޑަކުއްޖަކު އޭނަގެ ބައްޕަ ނިދާފައޮތްވާ ގޮވިއެވެ.
” އަދިވެސް ތެދުވާކަށް ނުވޭތަ! މިއަދު އޮފީހަށްވެސް ނުގޮސް ނިދުން ނޫން އެހެން ކަމެއް ނެތްދޯ! ސާބަސް ދަރިފުޅާ. މިއޮތްކޮޓަރިއެއް. ކިތައްފަހަރު މަންމަ ބުނަން ކުޅޭއެއްޗެހި ކޮޓަރިތެރެއަށް ނުއުކާށޭ!” ކޮޓަރިތެރޭ އެތަންމިތަނަށް އުކާލާފައި ހުރި ކުޅޭ އެއްޗެހި ނަގަމުން ދީމާ ވާހަކަ ދައްކަމުންދިޔައެވެ.
ނަބީލް ތެދުވެގެންގޮސް ފާޚާނާއަށް ވަނެވެ.
ފެނަވަރައިގެން ރީތިވެގެން ނުކުންނަން އުޅެނިކޮށް 3 އަހަރުގެ ނުހައިކް އައިސް ނަބީލްގެ ގައިގައި ބައްދައިގަތެވެ. އޭނައާއެކީ ބޭރަށްދާން ރޯންފެށިއެވެ.
” ސައިނުބޮއިތަ ދަނީ؟ ދަރިފުޅާ އާދޭ މަންމަ ކައިރިޔަށް. ބައްޕަ އެދަނީ ތަނަކަށްދާންވެގެން. މަންމަޔާއެކީ ދޯ ދާނީ.” ދަރިފުޅު އުރާލަމުން ދީމާ ބުންޏެވެ.
ނަބީލް ދިޔައީ އާދައިގެމަތިން ކޮފީއަކަށެވެ. ކޮފީއަކަށް އޯޑަރުކުރުމަށްފަހު ޖީބުގައި އޮތްފޯނުނަގައި ނަންބަރަކަށް ގުޅާލިއެވެ.
” ކޮބާ. އާދޭ ކޮފީއަކަށް.”
“އަދި ކިރިޔާދޯ ތިހޭލީ. އެބަދަން އިރުކޮޅަކުން.” އެކޮޅުން ވާހަކަދެއްކި މީހަކު ބުނެލިއެވެ.
ފޯނުބޭއްވިތަނުން މީހަކު އައިސް ނަބީލްގެ ލޯމަތީ އަތްއަޅާލިއެވެ.
“ސަޕްރައިޒް!” ކުރިމަތީ ހުރީ އާނާއެވެ.
“ސާބަސް! މިތާހުރެ ތިބުނީ އިރުކޮޅަކުން އެބަދަމޯ.”
ނަބީލްގެ ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު އެއްޗެއް ހަދާންވެގެން އާނާ އަތްދަބަސް ހުޅުވާލިއެވެ. ދަބަހުން ސިޓީއުރައެއް ނަގާފަ ނަބީލްގެ އަތަށް ދިއްކޮށްލިއެވެ.
” އަހަރެން އެބަޖެހޭ އޮފީސް ދަތުރަކު ދެދުވަހަށް މާލެ ދާން.” އާނާގެ މިޖުމްލައިން ނަބީލްގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.
“ކިހިނެއްވީ.” ސިޓީއުރަ ހުޅުވަން އުޅެފަ އާނާ އެހެންބުނުމުން ނަބީލް ސިޓީއުރަ މޭޒުމަތީ ބޭއްވިއެވެ.
” އާނާ! މާލެ ދާށޭ ތިބުނީ. އާނާ ހަދާނެއް ނެތްތަ. އާނާ އެކަނި މާލެ ފޮނުވާނީ ކިހިނެއް.”
” ނަބީލް. މިހާރު ދެއަހަރަށްވުރެ ގިނަދުވަސް މިވަނީ އަހަރެމެން މިހެން އުޅޭތާ. ކިހިނެއް މުޅިއުމުރު ދުވަސް މިހެން އުޅޭނީ.” އާނާ ނަބީލްގެ އަތުގައި ހިފާލިއެވެ.
“އެކަމަކު އާނާ. މާލެ ގޮސް އުޅެނިކޮށް އަނެއްކާވެސް ރަޔާންއަށް އާނާ ފެނިއްޖިއްޔާޔޯ. އާނާތީ އަދިވެސް ރަޔާންގެ އަތްބެއް.” ނަބީލް ހާސްވަނީ ރަޔާންއަށް އާނާ ފެނިގެން އަނެއްކާވެސް އޭނަގެ އަތްދަށު އާނާ ވެދާނެތީއެވެ.
“ނަބީލް އެކަމާ ހާސްނުވޭ. އަހަރެން ހަދާންއެބަހުރި ހުރިހާ އެއްޗެއް. ރަޔާން ކިތަންމެ ހެޔޮއެދިގެން އުޅުނަސް ރަޔާން އަހަންނަށް ކުރި އަނިޔާތަކާއި އަހަރެން ނަބީލްއާ ގުޅުން ބާއްވާތީ އޭނަ ކިޔާ އެއްޗިހި. އަހަންނަށް ކެތްނުވީމަ އަހަރެން އެހުރިހާ ވާހަކައެއް ނަބީލްއާ ޝެއާކުރީ.”
” އަހަރެމެން ކިހާ އުދަގުލަކުން އާނާ އޭނަ ކިބައިން ސަލާމަތްކޮށްފަ ތިހިރީ. އަހަރެން ތިވާހަކަތައް ދީމާއަށް ކިޔައިދިނުމުން އޭނަވެސް ގަބޫލެއް ނުކުރި ރަޔާން އާނާއަށް އަނިޔާކޮށްފާނެކަމަކަށް. ހާދައުދަގުލަކުންނޭ އޭނަވެސް ގަބޫލްކުރީ. ވާނީވެސް އެހެންތާ މާ ހެޔޮއެދޭ މާ ލޯބިވާ މީހަކު ކަމަށް ހެދިގެން ވިއްޔާ އުޅުނީ. ” ނަބީލް ދުފަމުން ވާހަކަ ދައްކަމުންދިޔައެވެ.
“ނަސީބެއް އެއީ އަހަރެން އެކްސިޑެންޓްވި ދުވަހު ރަހުމަތްތެރި ޑޮކްޓަރެއް ހޮސްޕިޓަލް ޑިއުޓީގައި ހުރިކަން. އޭނަ ދިން ހިޔާލެކޭ މީ އަހަރެމެން ދެމީހުން މަރުވީ ކަމަށް ހަދާފަ ފިލައިގެން އައީ. އެހެންނޫންނަމަ އެރަޔާން އާނާ ދޫކޮށެއްނުލާނޭ. ރަޔާންއަށްޓަކައި އަހަރެމެން ދެމީހުން މަރުވެއްޖެ.” މިހެންބުނެ ނަބީލް ހިނިގަޑެއް ޖަހާލިއެވެ.
” އަދި އަހަންނަށްވެސް ދީމާއަށްވެސް ނާންގާ ނަބީލް ކުރިކަންތައް ބަލާބަ. ޑޮކްޓަރު ބުނީ ނަބީލް މަރުވެއްޖޭ. ކިރިޔާ އަހަރެންގެ ފުރާނަ ސަލާމަތުންހުރީ.” އާނާ ބުނެލިއެވެ.
“ފުރާނަ ސަލާމަތުން ހުރީއޭ! ސަލާމަތްކުރީނުން އަހަރެން. ރަޔާން އާނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމުން ޑޮކްޓަރު ހާދަވަރަކުންނޭ އާނާ ސަލާމަތްކުރީ. މަރުވެއްޖޭ ކިޔާފަ ހޭނައްތާފަ ބާއްވަން ޖެހުނު 4 ގަޑިއިރަށް. އެރަޔާން އެންމެ ހިދުކޮޅަކަށްވެސް އާނާ ދޫކޮށްފަ ނުދޭވިއްޔާ. މީހުނަށް އޭނަ ވަރު ރަގަޅު ފިރިއެއް ނެތްކަން ދައްކަން ޖެހޭނެވިއްޔާ. ވަޅުލާން އޭނަ ނުދިޔަކަން އާނާ ނަސީބް. އެހެންނޫންނަމަ ޖެހޭނީ އާނާ ވަޅުވެސްލަން. އޭގެ ފަހުން އަހަރެމެން އައީ އާނާ ގޮވައިގެން މިރަށަށް.”
” ތިދެމީހުން އެންމެ ފަހަރަކުވެސް އަހަންނާމެދު ވިސްނާނުލަމެއްނު. އަހަރެންގެ ފިރިމީހާ މަރުވުމުން އަހަންނަށްވި ވަރު އެންމެ ގާތުން ދެކުނީވެސް އާނާ.” ނަބީލްގެ ވާހަކަ މެދުކަޑާލަމުން ދިމާ ވާހަކަ ދެއްކިއެވެ.
“ހައި ނުހައިކް!” އާނާ ތެދުވެގެން ގޮސް ނުހައިކް އުރާލިއެވެ.
“ދީމާ. އާނާ އުޅެނީ އޮފީސް ދަތުރަކު ދެދުވަހަށް މާލެ ދާށޯ.” ނަބީލް ބުނެލިއެވެ.
“އެއީ ތެދެއް! މާލެ ދާން. ނޫން. އަހަރެމެން އާނާ އެކަނި މާލެ ނުފޮނުވާނަން.” އާނާ އެކަނި ފޮނުވަން ދީމާވެސް ބިރުގަނެއެވެ.
” އެކަމަކު އަހަރެން މިދަތުރު ނުދިޔައިއްޔާ އަހަރެންގެ ވަޒީފާވެސް ގެއްލިދާނެ. އަހަރެން ބޭނުން ދާން. އެހެންނޫނަސް އޮފީހުގެ ފަރާތުން ހުރުމާ ކެއުންވެސް ދެނީ. އިތުރު ދެކުދިން އަހަންނާއެކީ ދާނެ މިކޮޅުން. ސޯ ނޯ ވޮރީސް” އާނާ އެއްވެސް ހާސްކަމެއްނެތި ދަތުރުދާން ނިންމިއެވެ.
އިތުރުގޮތެއް ނެތިގެން ދީމާއާއި ނަބީލް އެއްބަސްވިއެވެ.
އާނާ މާލެ ފުރުވަން ނަބީލް އާއި ދީމާވެސް ޖެޓީއަށް ދިޔައެވެ. އާނާ ފުރައިގެން ދިޔަ ލޯންޗް ގޮސް ގެއްލެންދެން ނަބީލް ހުރީ ބަލަހައްޓައިގެންނެވެ. ކަންބޮޑުވެ ހާސްވެފައެވެ. ރަޔާންއަށް އާނާ ފެނިއްޖިއްޔާ ދެންވާނެގޮތަކާމެދު ވިސްނަ ވިސްނާއެވެ.
މާލެއާއި ކައިރި ރަށެއްކަމުން 2ގަޑިއިރުގެ ލޯންޗް ދަތުރަކަށްފަހު މާލެ އާދެވުނެވެ. ލޯންޗް މާލެ ދެވުމާއެކު އާނާ މުޅި ސަރަހައްދަށް ނަޒަރު ހިންގާލިއެވެ.
“އައްސަލާމް އަލައިކުމް!” އާނާ ޖެޓީއަށް ފޭބިތަނުން އެތާހުރި މީހަކު ސަލާންގޮވާލިއެވެ.
” ވައަލައިކުމުއްސަލާމް!”
” އަޅުގަނޑަށް ކިޔަނީ އަހުމަދު. ތިބޭފުޅުންގެ ކެއުމާއި ހުރުން އަޅުގަނޑުމެން އިންނާނީ މިކޮޅުން ހަމަޖައްސާފަ. އަޅުގަނޑާއެކީ ވަޑައިގަންނަވާ!”
އާނާމެންތިބެން ހަމަޖައްސާފަ ހުރީ ކޮރަލް ހޮޓެލް އެންޑް ސްޕާއެވެ. ކޮންމެ ކުއްޖަކަށް ކޮޓަރިއެއް ދިނެވެ. އާނާ ކޮޓަރިއަށް ވަނުމަށްފަހު އަތްދަބަސް އެދުމައްޗަށް އެއްލާލާފައި އެދުމައްޗަށް ވެއްޓިގަތެވެ. ކުއްލިއަކަށް ފޯނު ރިންގުވާ އަޑު އިވުނެވެ. އެގުޅަނީ ނަބީލްއެވެ. މާލެ ދެވުނުތޯ ހުރީ ކޮންތާކުތޯ ބަލަންވެގެންނެވެ.
ބައްދަލުވުމެއް ނިންމާލުމަށްފަހު އޮފީސްކުދިންނާއެކު އާނާ ދިޔައީ މެންދުރުކެއުމަށް ލެމަންގްރާސްއަށެވެ. އެހިސާބަކީ އާނާ ވަރަށްގިނައިން އުޅުނު ހިސާބެއްކަމުން ދަންނަ މީހަކަށް އޭނަ ފެނިދާނެތީ އާނާ އިނީ ވަރަށް ބިރުންނެވެ. ކެއުމަށް އިންސާފްކުރުމަށްފަހު އެންމެން މަޖާ ވާހަކައެއް ދައްކާފަ ހޭންފެށިތަނުން އާނާ ލޮލުގައި އަޅައިގަތީ އެތަނަށް ވަދެގެން އައި މީހެކެވެ. ޔަގީނުންވެސް އެއީ ރަޔާންއެވެ. ރަޔާން އައިސް ޖައްސާލީ އާނާމެން ތިބި މޭޒާ ދުރުގައި ހުރި މޭޒެއްގައެވެ. އެހެންކަމުން އޭނައަށް އާނާ ނުފެނެއެވެ. އެކަމަކު އާނާ ބިރުގަންނަނީ ނިންމާފަ ނުކުންނަން ދާއިރު އެމޭޒު ކުރިމަތިންލާފަ ދާން ޖެހޭތީއެވެ. އޭރުން ރަޔާންއަށް އާނާ ފެންނާނެއެވެ.
ދެންވެދާނެ ގޮތަކާމެދު އާނާ ހާސްވެ ކަންބޮޑުވިއެވެ. ދަބަހުގައި އޮތް ފޯނު ނަގައި ނަބީލް އަށް މެސެޖް ކުރަންފެށިއެވެ. އާނާ ކަންތައް ކުރީ ނަބީލް ކިޔައިދިން ގޮތަށެވެ. އޮފީސް ކުދިންނާ އެއްކޮށް ނުކުންނަން ދަމުން އަޅައިގެން ހުރި ބުރުގާއިން މޫނު ނިވާކޮށްގެންހުރެ ނުކުތީއެވެ.
“އާނާ!” އާނާ ކާރަށް އަރައަރާހުއްޓާ ފަހަތުން ކުއްޖަކު ގޮވާލިއެވެ.
އާނާއޭ ކިޔާ ގޮވާލިއަޑަށް ރަޔާންވެސް އެބުރި ބަލާލިއެވެ. ރަޔާންއަށް އާނާ ފެނުނެވެ. އެހެނަސް ފުރަގަހުންނެވެ.
” މިރޭ 9 ޖަހާއިރު އޮފީހަށް އަންނައްޗޭ. ތިކުދިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ބާބަކިޔު އެއް އޮންނާނެ.”
އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމަށްފަހު އާނާ ކާރަށް އެރިއެވެ. ރަޔާން އިނީ ބަލަހައްޓައިގެންނެވެ. އެކުއްޖާގެ މޫނު ފެނޭތޯއެވެ. ރަޔާންއަށް އާނާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ.
ގެސްޓް ހައުސްއަށް ދެވުމާއެކު އާނާ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. މިރޭ ވުމުގެ ކުރިން އެތަނުން ނުނިކުންނަން އަޒުމް ކަޑައަޅައިގެންނެވެ. މިރޭ ކޮންމެހެންވެސް ނުކުންނަން ޖެހޭނެތީއެވެ.
ފިކުރުބޮޑުވެފައި އިންދާ ދޮރުގައި ޓަކިޖަހާ އަޑު އިވުނެވެ. އާނާ ފުންމައިގެން ތެދުވިއެވެ. ހުޅުވާނީތޯ ނުހުޅުވާނީތޯ ވިސްނަނީއެވެ. އޭނަ ފަހަތުން ރަޔާން އައިސްދާނެތީއެވެ. ދޮރުކައިރިޔަށްގޮސް ތަޅުގައި ހިފަމުން ކާކުތޯ ސުވާލުކޮށްލިއެވެ. ޖަވާބެއްނުލިބުނެވެ. އަނެއްކާވެސް ޓަކިދެނީއެވެ. އާނާ ބިރުން ފިތްކަޑައިގެންދާ ވަރުވަނީއެވެ. ދޮރުނުހުޅުވަންވެގެން އައިސް އަނެއްކާވެސް އެދުގައި އިށީނެވެ. އަދިވެސް އެމީހަކު ޓަކިޖަހަނީއެވެ.
އާނާ ވަރަށް ހިތްވަރުކޮށްފައި މަޑުމަޑުން ގޮސް ބިރުންހުރެ ދޮރު ހުޅުވާލިއެވެ.
” ހެލޯ” ދޮރުހުޅުވުމާއެކު އާނާގެ ދެލޯބޮޑުވިއެވެ.
“ނަބީލް!” އާނާ ހުރީ ހައިރާންވެފައެވެ.
“ނަބީލް މިތާ ކީއްތިކުރަނީ؟”
“އަހަރެން އާނާ ކައިރިޔަށް އައިސްގެންވެސް ނުވޭތަ.” ދޮރުކައިރީހުރި އާނާ އެއްފަރާތަކަށް ޖައްސަމުން ނަބީލް ކޮޓަރިތެރެއަށް ދެމިގަތެވެ.
“އަންނަ ވާހަކަ ނުވެސްބުނަމެއްނުން.” ނަބީލް ފެނުމުން އާނާ އުފާވިއެވެ.
“ބުނެފައައިނަމަ ތިހިނިތުންވުން ހޯދާނީ ކިހިނެއް.” އާނާ ހެވިފަހުރިތަންފެނި ނަބީލް ބުނެލިއެވެ.
” ދެންބުނެބަ! ރަޔާންއަށް އާނާ ފެނުނުތަ؟ ކިހިނެއްތަވީ އަސްލު.”
ނަބީލް ރަޔާންގެ ނަންކިޔުމުންވެސް އާނާގެ މޫނުމަތިން އުފާވެރިކަން ގެއްލުނެވެ. ކަންތައް ވެގެންދިޔަގޮތް އާނާ ނަބީލއަށް ކިޔައިދިނެވެ.
“ދެންކީއްވެ އާނާ ތިވަރަށް ބިރުތިގަންނަނީ.”
“ދެން އެވާހަކަ ދައްކާނެ ކަމެއްނެތް. މިހާރު އަހަރެން ބިރެއްނުގަނޭ. އޭނައަށް އަހަރެން ފެނުނަސް ހެޔޮ. ޖަވާބުދާރީވާން އަހަންނަށް އެގޭނެ. އަހަރެން ވަރަށް އަވަހަށް ރަޔާން ކައިރިން ވަރިވާން ފޯމްލާނަން. މިދަތުރު ނިންމާފަ ރަށަށް ދެވުނީމަ އެކަންތަކާ އުޅޭނަން. ފޯމްލީމަ އޭނައަށް އެގޭނެ އަހަރެން މަރުނުވާކަން.”
އާނާ ކައިރިޔަށް ނަބީލް އައުމުން އާނާއަށް ލިބިގެނދިޔައީ އާ ހިތަވްރެކެވެ.
” އޯކޭ. އާނާ ބޭނުންގޮތެއް. އަހަރެން މިހިރީ އާނާ އެކީގައި. ވަރަށް ބަޑުހައިވެގެން މިއުޅެނީ ކާނެ އެއްޗަކަށް އޯޑަރެއްދީބަލަ.” ބަނޑުގައި އަތް ހާކާލަމުން ނަބީލް ބުނެލިއެވެ.
ގަޑިން އިރުއޮއްސި 7ޖަހަނީއެވެ. އާނާ އޮތީ ނިދާފައެވެ. ހަވީރު ނަބީލްއާއެކު ޝޮޕިންގ ކުރަންއުޅެފަ އައިސް ޖައްސާލިތަނުން ނިދުނީއެވެ. ނަބީލް އުޅެނީ އެތާކައިރި ގެސްޓްހައުސްއެއްގައެވެ.
ނަބީލް އޮތީ އޭނަ ހިފާފަ ހުރި ކޮޓަރީގެ އެދުމަތީ ފިލްމެއް ބަލާށެވެ. ހެޑްސެޓް ޖަހައިގެން އޮތީމާ ކައިރީގައި އޮތް ފޯނު ރިންގުވާ ކަމެއް ނަބީލްއަކަށް ނޭގެއެވެ.
ފިލްމް ބަލަން އޮވެފަ ސިގިރެޓެއް ބޯލަންވެގެން ފިލްމް ހުއްޓުވާލާފަ ތެދުވެ ސިގިރެޓްފޮށި ނަގައިގެން ބޭރަށް ހިގައިގަތްތަނުން ފޯނުރިންގްވިއެވެ. އެބުރި އައިސް ބަލާލިއިރު މިގުޅަނީ ދީމާއެވެ.
“ހަލޯ!”
“ހަލޯ. މިހާވަރަށް ގުޅާއިރު ފޯނު ނަގާކަށް ނޭގެނީތަ. މިއަދު ހަތަރުދަމު ކޮންތާކު ތިއުޅެނީ. ހެދު ސައިބޮއިގެން ގެއިން ނުކުތްގޮތަށް ގެޔަށް ވަދެލަންވެސް ނޭގެނީތަ!” ދީމާ ހުރީ ރުޅިއައިސްފައެވެ.
” ސޮރީ. އަހަރެން ހަދާނެއް ނެތުނީ ބުނަން އަހަރެން މިއަދު އޮފީސް ކަމަކު މިތާ ކައިރި ރިސޯޓަކަށް ދާންޖެހިގެން ފުރިކަމެއް. އަހަރެން މިހިރީ ރިސޯޓުގައި. މާދަމާ ހަވީރަށް ރަށަށް ދެވޭނީ.” ނަބީލް ސިގިރެޓް ދަމަމުން ދީމާ ކައިރީ ދޮގެއް ހަދާލިއެވެ.
(ނުނިމޭ)