މަޢުލޫމާތު
ގެވެށި އަނިޔާގެ މައްސަލަތަކުގައި، މަސްތުވާތަކެތީގެ ބޮޑު ދައުރެއް- ޚުޠުބާ

މާތްﷲ ޚަލްގުކޮށްފައިވާ އެންމެހައި މަޚްލޫގުންގެ ތެރެއިން އެކަލާނގެ އެންމެ މަތިވެރި ކުރައްވާފައިފަނީ އިންސާނާ ކަމުގައިވަނީ، ﷲ އިންސާނާއަށް ދެއްވި ބުއްދިއާއި ވިސްނުމުގެ ސަބަބުންކަން މިއަދު ޚުޠުބާގައި ބުނެފައިވެއެވެ. އިންސާނުންނަށް ބުއްދި ދެއްވާފައި ވަނީ ވިސްނާ ފިކުރުކޮށް ހެވާ ނުބައި ވަކިކޮށް ދެނެގަތުމަށް ކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

ﷲ އަންގަވާފައިވާ ގޮތަށް ހެޔޮގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހާގެ ދަރަޖަ ﷲ ހަޟްރަތުގައި ޖަނަވާރުންގެ ދަރަޖައަށްވުރެ ވެސް ދަށު ދަރަޖައަށް ވެއްޓިގެން ދާކަން ކީރިތި ޤުރުއާންގައި ﷲ ބަޔާން ކުރައްވާފައިވާކަން ޚުޠުބާގައި ބުނެފައި ވެއެވެ. އަދި ބުއްދިއަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ވަރަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަމުގައި މިއަދުގެ ޚުޠުބާ ބުނެއެވެ.

މަސްތުވާ ކޮންމެ އެއްޗަކީ އޭގެ ސަބަބުން އެބޭނުންކުރާ މީހާ ހަމަބުއްދިން އެއްކިބާ ކޮށްލާ އެއްޗެއްކަމަށް ހުޠުބާގައި ބަޔާންކުރެއެވެ. މަސްތުވާތަކެތި ބޭނުންކުރުމުން، ސިކުނޑިން ފޮނުވާ ނުރަނގަޅު މެސެޖްތަކެއްގެ ސަބަބުން އަމިއްލަ ނަފްސުގެ ކޮންޓްރޯލު ގެއްލިގެން ދާކަމަށާއި، އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި، އަމިއްލައަށް މަރުވުން ފަދަ ހިތާމަވެރި ކަންތައްތަކަށް މަގުފަހިވެގެންދާކަމުގައި ހުޠުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނުގައި މަސްތުވާ ހުރިހާ ބާވަތެއް ޙަރާމް ކުރައްވާފައިވަނީ އެއިން ލިބޭ ގެއްލުމުން މުޖުތަމަޢާއި އަފްރާދުން ސަލާމަތްކޮށްދިނުން ކަމުގައި ޚުޠުބާގައި ބުނެވިފައިވެެއެވެ. މަސްތުވާ ކޮންމެ އެއްޗަކީ ރަލެއްކަމަށާއި، އެގޮތުން މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެއްކަމުގައި ޚުޠުބާގައި ބަޔާންވެފައި ވެއެވެ.

އަނބިދަރިން ޙިމާޔަތް ކޮށްދޭންޖެހޭ އަތްތަކުން އެބައި މީހުންނަށް އަނިޔާއާއި ގޯނާކުރުމުގައި ހައްދުފަހަނައެޅުންފަދަ ޢަމަލު މި މުޖުތަމަޢު އިން ފެންނައިރު، ގެވެށި އަނިޔާގެ ގިނަަ މައްސަލަތަކުގައި މަސްތުވާ ތަކެތީގެ ބޮޑު ދައުރެއް އޮންނަކަމީ ފެންނަން އޮތް ހަޤީޤަތެއްކަން މިއަދުގެ ޚުޠުބާ ބުނެއެވެ. މާރާމާރީ އާއި މީހުން މެރުމާއި، ވައްކަމާއި، އެހެނިހެން އެތައް މައްސަލަތަކެއް ގުޅިފައިވަނީ ސިދާ މަސްތުވާތަކެއްޗާއިކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

މިއަދު މިމުޖުތަމަޢު އިން ފެނިގެންދާ ޙަޤީޤަތަކީ، މަސްތުވާތަކެތީގެ އަވާގައި ޖެހިގެން ދަނީ، ހަމައެކަނި، ވަޒީފާއެއް ނެތި މަގުމަތީގައި ތިބި ޒުވާނުން އެކަނި ނޫންކަން ޚުޠުބާ ބުނެއެވެ. އެއާ ޚިލާފަށް ވަރަށް ރަނގަޅު ވަޒީފާތަކުގައި ތިބޭ، ކިޔަވައިގެން ތިބި މޮޅެތި ބައެއް ޒުވާނުންވެސް މިއަދު މިއަދު މިވަބާގެ ޝިކާރައަކަށް ވެގެންދާ މަންޒަރު އަޅުގަނޑުމެން ކުރިމަތިން ފެންނަން އޮތްއިރު، މިއީ ބަޔަކު އަމިއްލަ މަންފާއަށްޓަކައި، އެކުދިން ޝިކާރަކޮށް، އެކުދިން މަސްތުވާތަކެތީގެ ތެރެއަށް ވައްދައިގެން ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ޚުޠުބާގައި ބުނެވިފައިވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިން މުޅި ޙަޔާތް ބިނާކުރާ ފަރާތްތަށް މުޅި ޙަޔާތް ބިނާކުރެވެނީ ޙަރާމް ވިޔަފާރީގެ މައްޗަށް ކަމުގައި ވާހިނދު، މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާއަކީ ކަނޑައެޅިގެން ހަރާްމް އެއްޗެއްކަން ޚުޠުބާގައި ބަޔާންކުރެއެވެ. މިފަދަ ފައިސާއިން އެންމެ ލޯބިވާ އަނބިދަރިންނަށް ކާން ތިޔަދެވެނީ ކަނޑައެޅިގެން އަލިފާންކަން ޚުޠުބާގައި ބުނެއެވެ. ޚުޠުބާގައި ބުނެފައިވާގޮތުން، ނަބަވީ އިރުޝާދުތަކުގައި ބަޔާންކޮށްފައިވަނީ، ޙަރާމްތަކެތި ކައިގެން ހަށިގަނޑުގައި ޖަހާ މަހަށް އެންމެ އައުލާވެގެންވަނީ ނަރަކަ ކަމުގައެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ދޫކޮށް، ތެދުވެރި ތަޢުބާވުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ. އަދި މިވަބާގެ ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ދިއްކުރުމަށް ޚުޠުބާ އިލްތިމާސްކުރެއެވެ. މަސްތުވާތަކެތި ބޭނުންކޮށްގެން ތިބޭ ފަރާތްތަކުގެ ފޮޓޯއާއި ވީޑިޔޯ ނަގައި މީސްމީޑިޔާގައި ޖަހައި އެފަދަ ފަރާތްތަކަށް ހަޖޫޖެހުމުގެ ބަދަލުގައި އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަރުދީ ޒިންމާ އަދާކުރުމަށް ޚުޠުބާގައި އިލްތިމާސް ކޮށްފައިވެއެވެ.

ދަރިން ތަރުބިއްޔަތުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސާމާލުވުމަށާއި، މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖައްސައި، ޅަދަރިންގެ މުސްތަޤްބަލް ބަނަކޮށްލުމުގެ މަސައްކަތް މުޖުތަމަޢުގައި ފޮރުވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކެއް ވާކަން ދަނެ، މިފަދަ ފަރާތްތަކުގެ ވަބާއިން ދަރިން ސަލާމަތްކުރުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ.

 

Comment