16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފިއެވެ.
ކުޑަކުއްޖާއާއި ބެހުނު ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރުން ފެށިގެން އޭނާ ދިރިއުޅޭ ގޭގެ ކުރިމަތީ ގިނަ ބަޔަކު އޭނާ ހައްޔަރުކުރުމަށް ގޮވާލާ މުޒާހަރާ ކުރުމާ ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އޭނާއަށް ފުލުހުން ހިމާޔަތް ދީގެން ފުލުހުންގެ ވެހިކަލެއްގައި ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ފަހުގައެވެ.
އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުސް މީހާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަދުވަހު އެވެ. ނަމަވެސް އޭނާ ހައްޔަރުކުރުން ލަސްވަމުންދާތީ އިއްޔެ ހަވީރުން ފެށިގެން އައްޑޫގައި މުޒާހަރާ ކޮށްފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިގި ހަމަނުޖެހުމެއްގައި ފުލުހަކަށް އަނިޔާވެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފުލުހުންވެސް ވަނީ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފުލުހަކު ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ފުލުހެއް ކަމަށެވެ. ކުއްޖަކަށް ފުލުހަކު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ އެފްސީޕީ އާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ތަހްގީގު ކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުންޏެވެ.