ޣައްސާން ސަލީމް، ނަރުގިސްވިލާ، ގދ. ތިނަދޫ އަކީ ތިނަދޫ އެމީހަކަށް ޓަކައި ފަޚުރުވެރިވާ އަލްމަރްހޫމް ސަލީމް އަލީ (އެސްޓީއޯ ސަލީމް) ގެ ދަރިއެކެވެ. އަލްމަރްހޫމް ސަލީމަކީ، އެމްޑީޕީ ވުޖޫދުވެގެން އައިއިރު، އެމްޑީޕީގެ އެއްތަނބު ކަމުގައި ވެއެވެ. މައުމޫނުގެ ހުދުމުޚުތާރު އަނިވެރި ވެރިކަމަކާއި ދެކޮޅަށް ފާޅުގައި ނުކުމެ، އެމްޑީޕީގެ އިސްސަފުގައި މަސައްކަތްކޮށް، ތިނަދޫގައި އެމްޑީޕީގެ ޙަރަކާތްތައް ފެއްޓުމުގެ މޭސްތިރި ކަމުގައި އަލްމަރްޙޫމް ސަލީމް ވެފައިވެއެވެ.
ބައްޕަޔަކީ އެންމެ މަޤްބޫލު ޝަޙްސިއްޔަތުކަމުގައި ދެކޭ، ޣައްސާން ބައްޕަގެ ދިރިއުޅުމުން އަބަދުވެސް އިބްރަތް ހާޞިލް ކުރެއެވެ. ތުއްތު އުމުރުން ފެއްޓިގެން، އަނިޔާވެރިކަމާއި، އަޅުވެތިކަމަށް ޣައްސާން ނަފްރަތު ކުރެއެވެ. ގައްސާނުގެ ޅަ އުމުރުގައި، ބައްޕަ މިދުނިޔެއާއި ވަކިވެގެން ގޮސްފައި ވީނަމަވެސް، ބައްޕަ ދިރިއުޅުމުގައި ދަސްކޮށްދެވި ނަމޫނާއިން އިބްރަތް ހާޞިލްކޮށް ހަނގު އުމުރުމުގައި ޣައްސާން ސިޔާސީ މަސައްކަތަށް ނުކުމެ ބައްޕައެކޭ އެއްފަދައިން، ސާބިތުކަމާއެކު، ސިޔާސީ މަސައްކަތުގައި ސާބިތުކަމާއެކު އަންނަނީ ފައިހަމަ ކުރަމުންނެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަބަޔަކު ދެކޭގޮތުގައި، އަލްމަރްހޫމް ސަލީމް ގެ އެޖޯޝާފޯރި، އެ ހިތްވަރު، އެކެރުން ގައްސާނުގެ ކިބައިން ފެނިފައި ވެއެވެ.
ތަޢުލީމީ ޤާބިލުކަން އަދި ވަޒީފާގެ ތަޖުރިބާ:
ޣައްސާންގެ ތަޢުލީމީ ފެންވަރަށް ބަލާލާއިރު، ސާނަވީ ތަޢުލީމާއި، މަތީ ސާނަވީ ތަޢުލީމް ފުރިހަމަކުރެއްވުމަށްފަހު، ލީޑަރޝިޕް އަދި މެނޭޖްމަންޓްގެ ދާއިރާއިން ރާއްޖެއިން ބޭރުން ބެޗެލާރސް އޮފް އާޓްސް އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފުރިހަމަކޮށްފައި ވެއެވެ. އަޕަރސައުތު ޔުޓިލިޓީޒް ކުންފުނީގައި، އެކައުންޓްސް ޑިޕާޓްމަންޓްގައި ވަޒީފާ އަދާކުރަން ފުރުޞަތު ލިބުނު ނަމަވެސް، ވަޒީފާގެ މައިދާނުގައި ޣައްސާނަށް ކުރަން ޖެހުނީ ހިތި ތަޖުރިބާއެކެވެ. 2012 ގައި ވެރިކަން ބަދަލުވުމާއިއެކު، އެއްވެސް ސަބަބެއް، އުޒުރެއް ނުދައްކައި، ވަޒީފާ އަދާކުރާ އޮފީހުގެ އޮނިގަނޑަށް އައި ބަދަލަކާއި ގުޅުވައިގެން ކަމަށް ބުނެ، ސިޔާސީ ބޭނުމެއްގައި، ބޭއިންސާފުން ވަނީ ފުރަތަމަ އަދާކުރި ވަޒީފާއިންވެސް ވަކިކޮށްފައެވެ.
މިހިސާބުންވެސް، މިޤައުމުގައި ނާއިންސާފާއި، އަނިޔާވެރިކަން އިންތިހާއަށް އޮތް މިންވަރު އަންދާޒާވެގެން ދިޔައެވެ. ބައްޕަ ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރެވި، ބައްޕަޔާއިމެދު ގައްސާނު އަބަދުވެސް ފަޚުރުވެރި ވެއެވެ. އަމިއްލަޔަށް ކުރިމަތިވި ބޭއިންސާފާއި ގުޅިގެން، ބައްޕަގެ ހިތްވަރުން ހިތްވަރު ނެރެ، އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލައި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުމުގެ އަޒުމު އެދުވަހުންފެށިގެން ޣައްސާންގެ ހިތުގައި ބިންވަޅު ނެގުނެވެ.
ސިޔާސީ ދާއިރާގައި ޣައްސާންގެ މަސައްކަތް
2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓި، އެމްޑީޕީގެ ބާރު ދައްވެގެން ދިޔުމުން، ބައެއް ފަރާތްތަކުން، ސިޔާސީ ފިކުރު ބަދަލުކޮށް، ޕާޓީގެ ހަރަކާތްތަކުން ދުރުވެ، ވަރަށް ފާޅުގައި އިސްކޮށް އުޅުނު ފަރާތްތައް ސިޔާސީ މައިދާނުން ފަނޑުވެގެން ދިޔައެވެ. ނަމަވެސް، އަނިޔާވެރިކަމަށް ކުޑައިރުއްސުރެ ނަފްރަތުކުރާ ޣައްސާންގެ އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
އޭރުގެ ސަރުކާރާއި ދެކޮޅަށް ހިންގުނު ހުރިހާ ސިޔާސީ ހަރަކާތެއްގައި ގައްސާނު އަމަލީގޮތުން ބައިވެރިވެފައިވާއިރު، ސިޔާސީ ތަފާތު ޙަރަކާތްތަކުން 10 ފަހަރަށްވުރެ ގިނަފަހަރު، ޣައްސާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަފާތު އެކި އަނިޔާތައް ލިބިފައިވެއެވެ. އަނިޔާ ލިބުނު ނަމަވެސް ޣައްސާންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާދެއެވެ. ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި، ޣައްސާންގެ ލޭގައި، ސަލީމް އަލީގެ އެ ހިތްވަރާއި، ކެރުންތެރިކަން އެބަހުއްޓެވެ. ފުރަތަމަ ފަހަރަށް ސިޔާސީ ޙަރަކާތަކުން ހައްޔަރުވެ ފުލުހުންގެ ބެލުމެގެ ދަށަށް ޣައްސާން ގެންދެވުނު އިރު، އުމުރަކީ އެންމެ 14 އަހަރެވެ.
ޣައްސާންގެ ސިޔާސީ މަސައްކަތުގެ ތެރޭގައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް، 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު އަދި ކައުންސިލް އިންތިޚާބުތަކުގައި، ޤައުމީ ލެވެލެއްގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ހަމަ މިބީދައިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ތިނަދޫގައި ޒުވާނުންގެ ޖަގައެއް ހުޅުވައިގެން ޣައްސާންގެ އަމިއްލަ އިސްނެގުމާއެކު، ވަރަށް ފޯރިގަދަ ކެމްޕެއިނެއް ކޮށްފައިވެއެވެ. އަދި ހަމަ އެގޮތުން، މަޖިލިސް އިންތިޚާބް އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި، އެމްޑީޕީއަށް އިންތިޚާބް ކާމިޔާބުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ޒުވާނުންނާއި ގުޅިގެން ޣައްސާން ކޮށްފައިވެއެވެ.
އުމުރުން އެންމެ 29 އަހަރު އުމުރުން ވީކަމުގައިވިޔަސް، ޣައްސާނަކީ ސިޔާސީގޮތުން ބުރަދަން ހުރި ފަރާތަކަށްވެފައި، ޕާޓީގެ އެންމެ އިސް ލީޑަރޝިޕާއެކު މަސައްކަތް ކުރެވުމުގެ ފުރުޞަތު ލިބި ސިޔާސީ ތަޖުރިބާ ޣައްސާންގެ ކިބައިގައި ވެއެވެ.
ވަޅުޖެހިފައި އޮތް ދާއިރާގެ ސިޔާސީ މަސައްކަތް ނަގައި ކޮޅަށް ޖެހުން:
ޣައްސާން ދެކޭގޮތުގައި އެމްޑީޕީގެ އެންމެ އަގުބޮޑު ރައުސުލް މާލަކީ، އެޕާޓިއަކަށްޓަކައި އެތައް ޤުރުބާނެއްވެފައިވާ، އިސްރައްވެހިންނާއި، މިއަދުގެ ޒުވާނުންނެވެ. ދާއިރާގެ ކަންކަން ހަމަމަގަށް އެޅުވޭނީ، ޕާޓީގެ ހަރު ދުވަސްވީ މެމްބަރުންގެ ވިސްނުމާއި، ޚިޔާލު ކުރިޔަށް ނެރެ، ދާއިރާއަށް ނިސްބަތްވާ ޒުވާނުން ބާރުވެރިކޮށްގެންނެވެ.
ދާއިރާ ހިންގޭނީ، އަމިއްލަ އެހެން މަސައްކަތްތަކުން ވަގުތު ހުސްކުރެވި، ދާއިރާގެ ޒުވާނުންނާއި ގުޅުން އޮންނަ، ޒުވާނުން ބަލައިގަންނަ ފަރާތަކަށެވެ. ޣައްސާނަކީ އެއްވެސް ސިޔާސީ މަޤާމެއް ފުރާ މީހަކަށް ނުވާތީ، ޣައްސާންގެ ހުރިހާ ވަގުތެއް ދާއިރާގެ މަސައްކަތަށް ހުސްކޮށްލެވޭނެ ކަމުގެ ޔަޤީން ކަން ޣައްސާނަށް އެބައޮތެވެ. އެއްވެސް ހަރަކާތެއް، އަދި މެމްބަރުންނަށް ބައްދަލުވުމެއް ވަރުވެސް ނުބާއްވައި، މިހާރު ހިންގާ އުޞޫލުން ދާއިރާގެ ސިޔާސީ މަސައްކަތް ކުރިޔަށް ގެންދަން ގައްސާން ބޭނުމެއް ނުވެއެވެ.
ތަފާތުވާނެ، ތަފާތު ދައްކާނެ، އެންމެންނާއި ގުޅޭނެ، ޒުވާނުންނަށް ފުރުޞަތު ދޭނެ
ޣައްސާން ޤަބޫލުކުރާގޮތުގައި ސިޔާސީ ދާއިރާއިން ޝައުޤުވެރިކަން ހުންނަ ކޮންމެ ޒުވާނަކަށް ފަހި ފުރުޞަތު ޕާޓީގެ ތެރެއިން ލިބިގެން ދާނެއެވެ. މިއީ ޒުވާނުންނަށް ކެރިއަރއެއް އޮތް ދާއިރާއެއްކަން ޒުވާނުންނަށް ދައްކައި، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ވިންގެއް އުފައްދައި ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު އެކި ޕްރޮގްރާމްތަށް ހިންގުމަކީ ގައްސާނުގެ އަމާޒެކެވެ. ފުރަތަމަ ކަމަކަށް ޒުވާނުން ސިޔާސީ ދާއިރާއަށް ނެރުމަށް ބާރުއަޅައި، ފުރުޞަތު ދޭންޖެހެއެވެ.
ޣައްސާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ، އެއްވެސް ދެއްކުންތެރިކަމެއް ނުހުންނަ، ކިބުރުވެރިކަމުގެ ސިފައިން އެއްކިބާވެފައިވާ، ޒުވާނުންނާއި ގުޅޭ، ދުވަސްވީ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއި އަނޑުއަހައި ބަލައިގަންނަ، ޖޯޝްހުރި ފަރާތެކެވެ. ޣައްސާންގެ އަމާޒަކީ ޕާޓިގެ ލީޑަރޝިޕާއި ގުޅިގެން މުޅިރާއްޖެއަށް ނަމޫނާ ޒުވާނުންގެ ވިންގެއް ދާއިރާގައި އުފައްދައި ތަފާތު ނަމޫނާ މަސައްކަތްތަކެއްކޮށް މުޅިރާއްޖެއަށް ދެއްކުމެވެ. ދާއިރާގެ ސިޔާސީ ހަރަކާތް ފުޅާކޮށް، ބައިބައިވުންތައް އެއްފަރާތްކޮށް، ދާއިރާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމްކުރުމަށް ވަރަށްބޮޑަށް މަސައްކަތްކުރެއްވުމަކީ ޣައްސާންގެ އަމާޒެކެވެ.
ފަހުބަސް:
ސިޔާސީ ދާއިރާއަކީ ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހުރި ދާއިރާއެއްކަމަށް ޣައްސާން ޤަބޫލުކުރައްވައެވެ. ގިނަ ޒުވާނުން ސިޔާސީ މަސައްކަތަށް ނުކުތުމަކީ، ޕާޓި އިތުރަށް ހަރުދަނާވެ، ޤައުމީ ސިޔާސީ މަސްރަހު ހަމަ މަގަށް އެޅި ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބިގެންދާ ހެޔޮވެރިކަމެއްގެ ފުރުޞަތު ލިބިގެންދާނެ ކަމެކެވެ. ޣައްސާން ދެކޭގޮތުގައި، ބައްޕަޔަކީ، އޭނާގެ ރޯލް މޮޑެލްއެވެ. ބައްޕަ ދަސްކޮށްދީފައިވާ، އެންމެ މުހިންމު ސިފަތަކަކީ، އަނިޔާވެރިކަން ކުރިމަތީ ބޯނުލެބުމާއި، ނާކާމިޔާބީގައިވެސް ހިތްވަރު ދޫނުކުރުމެވެ. އެކެރުން، އެޖޯޝް، އެ ފޯރި އާބާރެއްލައިގެން އަލުން ނެރެ ދާއިރާކޮޅަށް ޖެހުމަށް މިފަހަރު ބަދަލެއްގެ ގޮތުގައި ޣައްސާނަށް ފުރުޞަތު ދިނުމަކީ ޣައްސާންގެ ވަރަށް ބޮޑު އެދުމެކެވެ.
ކުރިން އޮތްގޮތަށް ދާއިރާގެ ކަންކަން ވަޅުޖެހިފައި ބާއްވަން ވީތޯ؟ ނުވަތަ އާ ހިތްވަރެއް ލައިގެން، އާޖޯޝެއްގައި ފައްޓާނީ ތޯ؟ މިއީ މެމްބަރުން ގޮތް ނިންމަންވީ ފަހަރެވެ. ޒުވާނުން ބަރުވެރިކޮށް، ދާއިރާ ކޮޅަށް ޖެހުމަށް މިފަހަރަކު ޒުވާން ބަދަލަކަށް ފުރުޞަތު ދެމާތޯއެވެ.
މާތް ﷲގެ ވާގިފުޅާއެކު، ތިނަދޫ ދެކުނު ދާއިރާގެ ރައީސަކަށް ރައްޔިތުންގެ ތަނަވަސް އަގްލަބިއްޔަތަކުން ގައްސާނު ހޮވައިދެއްވައިފި ނަމަ، ދާއިރާގެ ސިޔާސީ ޙަރަކާތްތައް ފުޅާކޮށް ތަފާތު ދައްކާނެ ފަރާތެއްކަމުގައި ގައްސާން ވެގެންދާނެއެވެ.
#3 މިފަހަރު ހަމަ ޣަައްސާން