ޚަބަރު
އުލިގަމާއި ކުޅުދުއްފުށީގައި ކަސްޓަމްސްގެ އޮފީހެއް ހުޅުވައިފި

ހއ.އުލިގަމާއި ހދ.ކުޅުދުއްފުށީގައި ކަސްޓަމްސްގެ އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

މިދެރަށުގައި ކަސްޓަމްސްގެ އޮފީސް ހުޅުވާދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ.

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރި ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީހާއެކު ރީޖަނަލް ޓްރެއިނިންގް ސެންޓަރަކާއި ސްޓާފް އެކޮމޮޑޭޝަން ބައެއް ގާއިމުކޮށްފައިވެއެވެ. މިއީ 16.9 މިލިޔަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ޚަރަދުކޮށްގެން  ތަރައްޤީކުރެވުނު ތިންބުރީގެ ބޮޑު އިމާރާތެކެވެ.

ހަމައެއާއެކު ހއ.އުލިގަމުގައި ތަރައްޤީ ކުރެވުނު ކަސްޓަމްސް އިމާރާތަށް ދައުލަތުގެ ބަޖެޓުން 5.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދެރަށުގައިވެސް ކަސްޓަމްސް އޮފީސް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ކަސްޓަމްސްއިން ކުރާ މަސައްކަތަކީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ބުރަ މަސައްކަތެއް ކަމަށާއި ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުން މިފަހަކަށް އައިސް އަތުލައިގަނެވިފައިވާ މަސްތުވާތަކެތި އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން އިއްޔެ ހުޅުވިގެން މިދިޔަ ކަސްޓަމްސްގެ އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއާކުރުމަށް ހޭދަވާ ވަގުތު ކުޑަވެފައި ވިޔަފާރީގެ ހަރަދު ކުޑަވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ، ރާއްޖޭގެ އުތުރުގައި ހުޅުވިގެން މިދިޔަ ދެއޮފީހުގެ ސަބަބުން މާލޭ ކޮމާޝަލް ބަނދަރުގެ ޓްރެފިކަށް ލުއެއް ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ އުތުރުގައި އިގްތިސާދީ ސިނާއަތްތައް ތަރައްގީކޮށް ފުޅާކުރުމަށް އެޅުނު މުހިންމު ބިނާއަކަށް ވެގެންދާނެ ކަމަށެވެ.

ކަސްޓަމްސްގެ ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގައި ގާއިމުކުރަން ހަމަޖެހިފައިވާ ޓްރެއިނިން ފެސިލިޓީގައި ބޯޑަރުގައި މަސައްކަތްކުރާ އިދާރާތަކާ އެކު ގައުމީ ފެންވަރުގެ ތަމްރީނުތައް ހިންގަން ރާވާފައިވާ ކަމަށާއި އެ ފެސިލިޓީއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ އިން އެކްރެޑިޓްކޮށްފައިވާ ރީޖަނަލް ޓްރެއިނިން ސެންޓަރަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އުލިގަމުގައި ހުޅުވި އިމާރާތުގެ މަސައްކަތް އަމާޒުކުރާނީ އެރަށަށް ބަނދަރުކުރާ ޔޮޓްފަހަރުތަކަށް ލުއި ފަސޭހަކަމާ އެކު އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށާއި މުސްތަގުބަލުގައި އެ ސަރަހައްދުގައި ބޮންޑެޑްވެއާހައުސްގެ ހިދުމަތް ގާއިމުކޮށް ސަރަހައްދުގެ ރިސޯޓުތަކަށް ވެއާހައުސްތަކުގެ ހިދުމަތްތައް ފުޅާކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.