ޚަބަރު
ވާދޫގެ ލޯކަލް ޓުވަރިޒަމަށް ހޯނޑެއްދޫގެ އެހީތެރިކަން

ހުވަދު އަތޮޅު ވާދޫގައި ފެށުމަށް ތައްޔާރު ވަމުން ދާ ލޯކަލް ޓުވަރިޒަމަށް ގދ.ހޯނޑެއްދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން އެހީތެރިކަން ފޯރުކޮށްދޭން އެއްބަސް ވެއްޖެއެވެ.

މިގޮތަށް ވާހަކަ ދެކެވި މަޝްވަރާ ވެގެން ދިޔައީ މިއަދު ހޯނޑެއްދޫ ޑަބްލިޔުޑީސީ އިން ވާދޫ އަށް ކުރި ތަޖުރިބާ ގެ ދަތުރުގައި ބޭއްވި ބައްދަލު ވުމުގައި ކުރެވުނު މަޝްވަރާގައެވެ.

“ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގެ ނާއިބު ރައީސާ އިއްފަތު ރަޝީދު ވިދާޅުވީ ކައިރި މުސްތަޤްބަލެއްގައި ވާދޫ ލޯކަލް ޓުވަރިޒަމަށް ފެށުމަށް ކުރާ ދަތުރުގައި އެންމެ ބޮޑަށް ބޭނުން ވަނީ އަވަށްޓެރި ރަށް ތަކުގެ އެއްބާރުލުން ކަމަށާއި އެގޮތުން ހޯނޑެއްދޫ އޮތީ އެރަށުގެ އުފެއްދުންތެރި ތަކެތި ވާދޫ އަށް ފޯރުވައިދޭން ތައްޔާރަށް ކަމަށާއި އަދި އެތަކެތި މަރކެޓްކޮށް ވިޔަފާރީގެ އުސޫލުން ދައުރުވާގޮތް ހެދުމަށް ވާދޫ ކައުންސިލް އޮތީ ވަރަށް ރަނގަޅު ވިސްނުމެއްގައިކަމަށްވެސް އިއްފަތު ވިދާޅުވިއެވެ.

ހޯނޑެއްދޫ ޑަބްލިޔުޑީސީގެ ރައީސާ ދީނިޔާ ވަޙީދު ވިދާޅުވީ މިއަދު ކުރި ދަތުރަކީ ދެ ރަށުގެ މެދުގައި ވަރަށް ބޮޑަށް ގުޅުން ބަދަހިވި ކާމިޔާބު ދަތުރެއް ކަމަށާއި މި ދަތުރުގެ މަންފާ ކުރިމަގުގައި ދެ ރަށަށް ވެސް ފެނިގެން ދާނެ ކަމަށެވެ. އަދި ވާދޫ އިން ދިން މެހެމާންދާރީ ވަރަށް ފުރިހަމަ ކަމަށާއި އެކަމަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން ބޭނުންކަމަށްވެސް ދިނިޔާ ވިދާޅުވިއެވެ.

ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ވާދޫއަށް މިއަދު ކުރެއްވި ދަތުރުގައި ހޯނޑެއްދޫ ކައުންސިލް ގެ މެންބަރުންނާއި ހޯނޑެއްދޫ ރައީސް ހުސައިން ވާރިޝް ބައިވެރިވެލެއްވިއެވެ. އަދި ވާދޫގެ ރައީސް ހަސަން އަބްދުﷲ އާއި އެކު ދެރަށުގެ ވެރިންގެ މެދުގައި ދެ ރަށުގެ މަސައްކަތް ޙިއްސާ ކުރެއްވިއެވެ.

ތަޖްރިބާ ގެ މި ދަތުރުގައި ވާދޫ ގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމާއި އެކުވެރިކަން އާލާ ކުރުމަށް ބައެއް ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރަކީ އެއް ދުވަހުގެ ދަތުރެކެވެ. ހޯނޑެއްދޫގެ ޑަބްލިއުޑީސީ އާއި ކައުންސިލް ގެ މެންބަރުން ވާދޫއަށް ވަޑައިގަތުމުން ވާދޫ އިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

Comment