ރިޕޯޓް
ދެއްވަދޫ މިސްކިތުގެ ބޯގަފަތް އައުކޮށްދޭތޯ ދަންނަވާން ދެއްވަދޫ ރަސްގެފާނުގެ ދައިތާފުޅު މާލެއަށް ކުރެއްވެވި ދަތުރު

ފުރަމާލޭގެ ރަސްކަމުގެ ގަނޑުވަރުގެ ބޮޑުދޮރޯށި ކައިރިއަށް ބީރައްޓެހި އަންހެނަކު ގޮވައިގެން ދެތިންމީހަކު ހިނގާއްޖެއެވެ. މިއަންހެނަކީ ބަލާބެލުމަށް ފާއިތުވިތަނަށް ވުރެ އަންނާންއޮތް ތަން ކުރުވާނެކަމަށް ހީކުރެވޭ އުމުރުގެ މީހެކެވެ. އެދުވަހަކީ ދެއްވަދޫ މުހައްމަދު މަހާރަދުން ރަސްކަމުގައި ރެދަލިކުރައްވާތާ 3 ވަނައަށްވީ އަހަރުގެ ހައްޖުމަހުގެ ފަނަރަވަނަ ދުވަހެވެ. ހެނދުނާއި މެންދުރާއި ދެމެދުގެ ވަގުތެކެވެ.

ދޮރުވާނުކަލޭގެ ސުވާލުކުރިއެވެ. ކޮންފަދަ މުހުތާދެއްގައި އައި ބަޔަކީމުހެއްޔެވެ. އަންހެންމީހާ ޖަވާބުދިނެވެ. އެޔެއް އެނގޭހުށީ އެހަރަފެންނަ ކޮއިލުގެ ބޮޑު ގޮނޑީގައި އިށީނދެގެންއިން މީހާޔާއި އަހުރެން ބައްދަލުވީމައެވެ. ދޮރުވާނު ކަލޭގެ ބުންޏެވެ. ބަލަބަލަ! ތިބާއީ ސިމިސިމީޔަށް ތިޔަމަގުން ހިނގާނޭ ކަންކަމެއްނޫނެވެ. ތިޔަބައިމީހުން އައި މުހުތާދެއްގެ ވާހަކަ ބޮޑުބެއިކަލަކަށް އިހަށް ޚަބަރު ކުރާށެވެ. އަންހެންމީހާ އަނެއްކާވެސް ޖަވާބުގައި ބުންޏެވެ. ބޮޑު ގޮނޑީގައި އިށީނދެގެންއިން މީހާޔާއި އަހުރެންނާއި ދޭތެރޭ ބޮޑުބެއިކަލަކު ހުރިކަމެއް މަށަކު ނުދަނެހުރީމެވެ.

ދެން މިޒާތަކުން ދޮރުވާނުކަލޭގެޔާއި އަންހެންމީހާޔާ ދެމެދު ޒުވާބު ހިނގަމުން ދަނިކޮށް ގަނޑުވަރާއި އަރިސްކަން ބޮޑު އަސާދެއްވި ކިލެގެ ބޭކަލަކު ގަނޑުވަރަށް ވަންނަވާން ދުރުވެއްޖެއެވެ. ހިނގަމުން މިދާ ކަންކަން އޮޅުންފިލުވައިގެން މި ބެއިކަލަކު އެތެރެއަށް ވެންނެވިތާ އިރުތަކެއްނުވެ އަންހެންމީހާއަށް އެތެރެއަށް ވަނުމުގެ އިޒުނަ ލިބިއްޖެއެވެ. ދަރުބާރުގެ ޚައްދާމަކު އައިސް މީނާ ގޮވައިގެން ދަރުބާރަށް ވަދެއްޖެއެވެ.

އަންހެންމީހާ ވަދެގެން އަންނަތަން ރަސްގެފާނަށް ފެނިވަޑައިގަތުމުން ކުއްލިއަކަށް ތެދުވެވަޑައިގެން އޭނާގެ ގާތަށް ވަޑައިގެން ސަލާމަށް އަތްޕުޅު ދިއްކޮށްލައްވަމުން އިށީނުމަށްވެސް އިޝާރާތްކުރައްވައިފިއެވެ. ދެން ވިދާޅުވިއެވެ. އަސްތާ މަގޭ އެއްކިހުނުފަން ފާތިމާދައިތަ މާލެ ތިޔައައީ އަންގާވެސް ނުލައެވެ. ސަބަބަކީ ކޮބައިބާވައެވެ.

ޖަވާބުގައި އަންހެންމީހާ ބުންޏެވެ. މާލެ މިއައީ ކަންފަސޭހަޔަކަށް މިގަނޑުވަރުގައި އިށީނދެ އޮށޯވެ ކައިބޮއި ހަދާކަށެއް ނޫނެވެ. އެހެންވީމާ އިށީނުމެއް ނެތެވެ. ދަތުރުހަދައިގެން މިވަރަކުން މިއައީ އުތީމު ތަކުރުގެ ދަރިކަލުން ކަލާފާނުގެ ރަސްކަމުގައި ދެއްވި ދެއްވަދޫ މިސްކިތުގެ ބޯގަފަތް ބައުވެ ހަލާކުވެގެން އެފަތް އައުކޮށްދޭތޯ ދަންނަވާން ކަމަށެވެ. މާލެ ނައިސް މިކަންކުރެވޭތޯ އުޅެއުޅެ ނުކުރެވުނީމާ މިހިސާބަށް އައުމުގެ ތަކުލީފު އުފުލާންޖެހުނީއެވެ. އެހެންވީމާ ކަލާފާނުވެސް ފަތްދެއްވި ބީދައިން އެފަތް އައުކޮށްދެއްވާށެވެ. އެކަންކުރެވޭންދެން މިފެންޑާގައި ކޮޅަށް ހުރެދާނަމެވެ. އެއްކިހުނުފަން ވެގެން ހައްގުނޫން އެއްޗެއް ހާސިލުކޮށްގަތުމުގެ ނިޔަތެއް ނެތެވެ.

ދެން ދެއްވަދޫ މުހައްމަދު ރަސްގެފާނު އަވަސްއަވަހަށް ފަތްލިޔާ ތަކުރުފާނަށް އަންގަވައިގެން ގެންނަވައި އެވަގުތުން އެވަގުތަށް ދެއްވަދޫ މިސްކިތުގެ ބޯގަފަތް އިހުއޮތްބީދައިން އެއްވެސް އުނިއިތުރެއް ނުގެންނަވައި އައުކޮށްދެއްވައިފިއެވެ. ތިރީގައި އެވަނީ މިގޮތުން އައުކޮށްދެއްވި ފަތެވެ.


މަސްދަރު: ގަލަހިރި ވައިބާ އޮޅީގައި އިމާދު ލަތީފު ހިއްސާކޮށްފައި