ހިމޭނުން ނުހުރެވޭ ބަލި ނުވަތަ އޭޑީއެޗްޑީ އަކީ ޅައުމުރުގައި ދިމާވާ އެންމެ އާންމު “ނިއުރޯޑިވެލޮޕްމެންޓަލް” ޑިސްއޯޑަރ އެވެ. ހިމޭނުން ނުހުރެވޭ ބަލި ފުރަތަމަ ދެނެގަނެވެނީ ޅައުމުރުގައި ކަމަށްވިޔަސް، ޒުވާން އުމުރަށް އަޅާއިރު ވެސް މިބަލީގެ އުދަނގޫ ދެމިހުންނަގޮތް ވެއެވެ. ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންނަށް ކަންކަމަށް ސަމާލުކަން ދޭން ދަތިވުމާއި، އިމްޕަލްސިވް ބިހޭވިއަރ ތައް ކޮންޓްރޯލް ކުރުމަށް އުދަނގޫވުމާއި، އަދި މާބޮޑަށް ހަލަނިކޮށް އުޅުމަކީ ދިމާވެދާނެ ކަންކަމެވެ.
ޅައުމުރުގައި ކުއްޖާއަށް ހިމޭނުން ނުހުރުމާއި، މާބޮޑަށް ހަލަނިވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންނަށް މިގޮތަށް ހުންނަ ހަލަނިކަމާ، މަޑުން ނުހުރެވުން ފަދަ ކަންތައްތައް ސުކޫލަށްދާ އުމުރަށްއަޅާ އިރު ވެސް ފިލައިނުގޮސް ހުންނަގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ސުކޫލް މަދަރުސާގައި، ގޭތެރޭގައި ، އަދި ރައްޓަހި ރަހުމަތްތެރިންނާއި، އެކު އުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރާގޮތް ވެއެވެ.
ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންގެ ކިބައިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:
- މަޑުމަޑުން ނުހުރެވުން (ހިފި ހިމޭނުން ނުހުރެވުން)
ކުއްލި ކުއްލިއަކަށް ރުޅިގަނޑު އައުން - އެހެން ކުދިންނަށް އުދަނގޫކުރުން / އެހެން ކުދިންނާއެކު އުޅެން އުދަނގޫވުން
- ސަމާލުކަން ދެވޭ ދަރަޖަ ކުޑަވުން
- ކުރަން ހަވާލުކުރާ މަސައްކަތް ނުނިންމުން
- އަތްމުނިމުނި ކަވައިގެން އުޅުން
- ސަމާލުކަން ގެއްލުން : ތަފާތު ކަންތައްތަކަށް ސަމާލުކަން އެނބުރިގެންދިއުން
- ފަސޭހައިން ރޮވުން
- އަވަސް އަވަހަށް މިޒާޖަށް ބަދަލުއައުން
- ކުއްލި ރުޅިގަނޑު އައިސް ކޮންޓްރޯލް ކުރަން އުދަނގޫވުން
- ގިނައިރު އެއްތަނެއްގައި މަޑުން ނުއިދެވުން
- ހިނގާލަ ހިނގާލަ، ދުވެލަ ދުވެލާ، އެއްތަނުން އަނެއްތަނަށް އަރާފައިބާ އުޅުން
- އަނގަ ގަދަވެ، އަވަސް އަރުވާލައިގެން އުޅުން (އަނގަ ގަދަވުން)
- ކުދިކުދި ކަންތައްތައް ހަދާން ނެތުން
- އެހެން މީހުންގެ ވާހަކަ މެދުކަނޑުވާލާ ވާހަކަ ދެއްކުން
- ކުރަން ހަވާލުކުރާ މަސައްކަތް ނުނިންމާ ދޫކޮށްލުން
- ފަރުވާކުޑަކަމުން ކަންކަމުގައި ގޯސްތައް ހެދުން
- ކެތްތެރިކަމެއް ނެތުން
ހިމޭނުން ނުހުރެވޭ ބަލި ޖެހޭ ހަގީގީ ސަބަބުތަކާއި، ބައްޔަށް މަގުފަހިކުރާ ކަންތައްތައް އަދި ޔަގީންކަމާއެކު ހޯދިފައެއް ނުވެއެވެ. މިހާރު ވެސް މިބަލިޖެހުމަށް ކުރިމަތިވާ ސަބަބުތަކާއި، ބައްޔަށް މަގުފަހިކުރާ ކަންތައްތައް އިލްމުވެރިން ދަނީ ދިރާސާކުރަމުންނެވެ. ބަލީގެ ސަބަބުތަކާއި، މަގުފަހިކުރާ ކަންތައްތައް ހޯދުމުގެ ގޮތުން އަންނަނިވި ކަންތައްތައް އިލްމީ މާހިރުން މިހާރު ވެސް ދަނީ ދިރާސާކުރަމުންނެވެ.
ހިމޭނުން ނުހުރެވޭ ބަލި ހުރިކަން ދެނެގަނެވި، އެބަލިހުރިކަމަށް ކަނޑައެޅޭނީ ނަފްސާނީ ގޮތުން ބަލަންޖެހޭ ބެލުންތަކާ، ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށްފަހު ގައެވެ. އެންމެ ޓެސްޓެއް ހަދައިގެން ހިމޭނުން ނުހުރެވޭ ބަލި ދެނެގަނެވޭނެ ޓެސްޓެއް އަދި ނެތެވެ. ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ ހާސްވެކަންބޮޑުވުން، ހިތާމަކުރުމުގެ ބަލި، ބައެއް ކަހަލަ އުގެނުމުގެ ނުކުޅެދުންތެރިކަން ފަދަ ކަންކަމަކީ އެބަލިތަކުގެ އަލާމާތްތައް ވަރަށް އެއްގޮތް ބަލިތަކެވެ. އެހެން ކަމުން ހިމޭނުން ނުހުރެވޭ ބަލި ހުރިކަމަށް ޝައްކުކުރެވޭނަމަ، އެހެން ބަލިތައް ދެނެގަތުމަށް ބަލާފަދައިން، ޖިސްމާނީގޮތުން ބަލާބެލުންތަކާއި، އެހެނިހެން ގުޅުންހުރި ޓެސްޓުތައް ކުރެވޭނެ އެވެ. އަދި އެއްގޮތް އަލާމާތްތައް ހުންނަ އެހެން ބަލިތައް ފާހަގަކުރެވޭތޯ ވެސް ބަލާނެއެވެ.
ހިމޭނުން ނުހުރެވޭ ބަލީގެ ކުދިންނަށް ދީއުޅޭ ފަރުވާތައް:
- ބޭސް ބޭނުންކުރުން
- ބިހޭވިއަރ ތެރަޕީ ދިނުން
- މައިންބަފައިން ތަމްރީނުކުރުވުން (ކުއްޖާއާއި މެދު އަމަލުކުރާނެގޮތް މައިންބަފައިންނަށް ދަސްކޮށްދިނުން)
- ސުކޫލް، މަދަރުސާތަކުގައި ފަހިކޮށްދޭންޖެހޭ ކަންތައްތައް (މުދައްރިސުން ތަމްރީނުކުރުވުން)
ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންގެ މައިންބަފައިން ވިސްނަންޖެހޭ އެންމެ މުހިއްމު ކަމަކީ ހިމޭނުން ނުހުރެވޭ ބައްޔަކީ އެއްކޮށް ރަގަޅު ނުކުރެވުނަސް، އޭގެ އުދަނގޫތައް ކުޑަކުރެވިދާނެ ބައްޔެއް ކަމެވެ. އެކުއްޖަކަށް އެންމެ ރަގަޅު ބޭހާއި، ފަރުވާ ކަނޑައެޅޭނީ ބަލަންޖެހޭ ބެލުންތަކާއި، ނަފްސާނީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ގައެވެ. މިފަދަ ކުއްޖެއް ހުންނަ ކޮންމެ މީހަކު ވެސް އެމީހަކު ދިރިއުޅޭ މުޖުތަމަޢުން މިފަދަ ކުދިންނަށް ދެވެން ހުރި ފަރުވާތައް ހޯދައި، އެފަރުވާތައް ދިނުމަށް މަސައްކަތްކުރުމަކީ ބޭނުންތެރި ކަމެކެވެ.