އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕޭން ހަރަކާތެއްގައި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވަޑައިގެން ކެމްޕޭނަށް ހުރަސް އެޅުމަކީ އޭނައަށް ލިބިފައިވާ ސިޔާސީ ހައްޤުތައް ނިގުޅައިގަތުން ކަމަށްބުނެ ޝިފާ ނުރުހުން ފާޅުކޮށްފިއެވެ.
އެމްޑީޕީ ހަރުގޭގައި ބޭއްވުނު ކެމްޕެއިން ހަރަކާތެއްގައި ޖާބިރު ބައިވެރިވެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އިސްތިއުފާއަށް ގޮވާލައްވާފައިވަނީ އެއްވެސް ދައުވަތެއް ދީގެން ނޫންކަމަށް ބުނެ ޝިފާ ވަނީ ބަޔާނެއް ނެރެފައެވެ.
މިބަޔާނުގައި ބުނެފައިވާ ގޮތުން ޝިފާގެ ކެމްޕޭން ހަރަކާތުގައި ޖާބިރު ބައިވެރިވެވަޑައިގެން ޝިފާ ވާހަކަ ދެއްކެވި ވަގުތު އޭނާ ކައިރިއަށް ވަޑައިގެން އަޑުގަދަ ކޮށް ހަދާ ތަނުގެ މަސްލަހަތު ވަނީ ގެއްލުވާލާފައެވެ. އެފަދަ ގޮތަކަށް ކެމްޕެއިނަށް ހުރަސް އަޅާ ފުރައްސާރަ ކުރުމަކީ އޭނާގެ ސިޔާސީ ހައްގުތައް ނިގުޅައިގަނެ ސިޔާސީ މައިދާނުގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަނި ކުރަން ވެގެން ހިންގި އަމަލެއް ކަމުގައި ޝިފާގެ ބަޔާނުގައި ސިފަ ކުރައްވާފައިވެއެވެ. އަދި ތަނުގެ މަސްލަހަތު ގެއްލުވާލުމުން ވަގުތުން ފުލުހަށް އެންގިކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.
ޖާބިރުގެ ފަރާތުން މީގެ ކުރިންވެސް މިފަދަ އަމަލުތައް ވަނީ ފެނިފައެވެ. އެގޮތުން މަޖްލިސް ދޮރާށި ކުރިމަތީގައި އޮށޯވެ އޮވެގެން މެމްބަރުންގެ ހައްޤު ހޯދުމަށް ބުނެ އިހުތިޖާޖްކުރުމާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ގެކޮޅާ ހަވާލުވުމަށް ބުނެ ކިނބިގަސްދޮށުގެ ކުރިމަތީގައި ހުއްޓިހުރެ ޖާބިރުވަނީ އިހުތިޖާޖްކޮށްފައެވެ.