ބޮލީވުޑް އަދި ހޮލީވުޑްއިން ގިނަ ކާމިޔާބީތައް ހޯދާފައިވާ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް ޕްރޮޑިއުސާސް ގިލްޑް އޮފް އެމެރިކާގެ މެމްބަރުކަން ލިބިއްޖެއެވެ.
މިއޮގަނައިޒޭޝަނުން ޕްރިޔަންކާއަށް މެމްބަރުކަން ދީފައިވާކަމަށް ޕްރޮޑިއުސާސް ގިލްޑް އޮފް އެމެރިކާގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުގައި އާއްމުކޮށްފައިވެއެވެ. އޮގަނައިޒޭޝަނުން ބުނާގޮތުގައި ޕްރިޔަންކާއަކީ ހުނަރުވެރި ފަންނާނެއް ކަމަށާއި މިހާތަނަށް ޕްރިޔަންކާގެ 14 އުފެއްދުމެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވެއެވެ. މީގެ އިތުރުން ޕްރިޔަންކާއަކީ ވަރަށް ޓެލެންޓެޑް މީހެއް ކަމަށްބުނެ އެއޮގަނައިޒޭޝަނުންވަނީ ޕްރިޔަންކާއަށް ތައުރީފްކޮށްފައެވެ.
ޕްރޮޑިއުސާސް ގިލްޑް އޮފް އެމެރިކާގެ މެމްބަރުކަން ލިބުމުން ޕްރިޔަންކާ ވަނީ އެއޮގަނައިޒޭޝަނަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއީ އޭނައަށް ލިބިގެން ދިޔަ އިތުރު ކާމިޔާބީއެއް ކަމަށް ބުނެ ޕްރިޔަންކާ ވަނީ އޭނަގެ އިހުސާސްތައް މީޑިޔާއާއި ހިއްސާކޮށްފައެވެ
ޕްރިޔަންކާއަކީ ފިލްމީ ތަރިއެއްގެ އިތުރުން ލަވަކިޔުންތެރިއެކެވެ. އަދި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ޕާޕަލް ޕެބަލް ޕިކްޗާސް (ޕީޕީޕީ) އުފެއްދުމަށްފަހު “ވައިޓް ޓައިގަރ” ފަދަ މަޤްބޫލް ފިލްމުތައް އުފައްދާފައިވާ މޮޅު ޕްރޮޑިއުސަރެކެވެ. ޕްރިޔަންކާގެ އަމިއްލަ ޕްރޮޑަކްޝަން ކަމަށްވާ “ވެންޓިލޭޓަރ” “ޕާނީ” އަދި “ދަ ސްކައި އިޒް” ޕިންކް” މިތިން ފިލްމުން ޕްރިޔަންކާ ވަނީ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.