ބަންގްލަދޭޝްގެ އެއްގަމު އުޅަނދުގެ ލައިސަންސް އޮންނަ މީހުންނަށް އިމްތިހާނަކާނުލާ ރާއްޖެއިން ލައިސަންސް ލިބޭގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މީގެކުރިން 25 ޤައުމެއްގެ ރައްޔިތުންނަށް އެއްވެސް އިމްތިހާނަކާއި ނުލާ އެއްގަމު އުޅަނދުގެ ދާއިމީ ލައިސަންސް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިވަނީ މިލިސްޓަސް ބަންގްލަދޭޝްގެ ނަންވެސް އިތުރުކޮށްފައެވެ.
އެމިނިސްޓްރީން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 26 ޤައުމެއްގެ ލައިސަންސް ރާއްޖޭގައި މިހާރު ބޭނުންކުރެވޭނެ ކަމަށާއި އެގައުމުތަކުގެ ލައިސަންސްއާއެކު 3 މަސްދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވޭނެ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ނިސްބަތުން ބަލާއިރު ބަންގްލަދޭޝްގެ ގިނަ ރައްޔިތުން ރާއްޖޭގައި މަސައްކަތްކުރަމުން އެބަގެންދެއެވެ. އެހެންކަމުން މިނިސްޓްރީގެ މިނިންމުން ވެގެންދާނީ އެމީހުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރަކަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްވެސްމެވެ.
އެއްގަމު އުޅަނދުގެ ލައިސަންސް ބަލައިގަނެވޭނެ ޤައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، ޕާކިސްތާން، އަފްޣާނިސްތާން، ބްރޫނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، މެލޭޝިއާ، ލާއޯސް، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ޗައިނާ، ވިއެޓްނާމް، ޖަޕާން، އިނގިރޭސި ވިލާތް، ޔޫއޭއީ، އެމެރިކާ، ސްވިޓްޒަލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް، އަދި ޖަރުމަނު ވިލާތެވެ.
އަދ މިގައުމުތަކުގެގެ ލައިސަންސް އޮންނަ ދިވެހިންނަށް ވެސް އިތުރު އިމްތިހާނަކާ ނުލައި މިހާރު ރާއްޖޭގައި ލައިސަންސް ދޫކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ.